ޚަބަރު
ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމަށް އެމްޕީއެލް ސަރަހައްދު ބަންދުކޮށްފި
ފޮޓޯ: ފުލުހުން
ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމަށް އެމްޕީއެލް ސަރަހައްދު ރޭ ދަންވަރުން ފެށިގެން ބަންދުކޮށް އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނެސްފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި އެ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ރޭ ދަންވަރު 00:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، ފުލުހުން ހިއްސާކޮށްފައިވާ ޗާޓުގައިވާ ގޮތުން، ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ގަނދަކޯޅި ހިނގުމުން ފެށިގެން، ކަނބާއައިސާރަނިހިނގުން ނިމޭ ހިސާބަށް ބަންދު ކޮށްފައިވެއެވެ. ގަނދަކޯޅި ހިނގުމުން ފެށިގެން ބަނދަރުމަތީ ހިނގުމާ ހަމައަށް ޕާކު ކުރުން މަނާކޮށްފައިވާއިރު، ގަނދަކޯޅި ހިނގުމުން ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ގޮތަށް އޮތަސް، އެ ހިސާބު ވަނީ އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފައެވެ.
ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތަށް، 2026 ނޮވެންބަރު 28 ވަނަ ދުވަހުގެ (މިރޭ) ދަންވަރު 00:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މަގު ބޭނުންކުރައްވާ ފަރާތްތަކުން ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމަށާއި، ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް އެދެމެވެ. މި ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެމެވެ. އަދި އެންމެހައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.
— Maldives Police (@PoliceMv) November 28, 2026
މީގެ އިތުރުން ފުލުހުންވަނީ، މަގު ބޭނުންކުރާއިރު ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމަށާއި، ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 21 ވަނަ ދުވަހުގައެވެ. މި މަޝްރޫއު ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ހަތަރު ލޭނަށް ފުޅާކުރުމާއި، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 455 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.