Ads by Farudhun

ޚަބަރު

ގެދޮރު ގަތުމާއި ގެދޮރު ބިނާކުރުމަށް ހިލޭ އެހީ ދޭ ސްކީމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ގެދޮރު ގަތުމާއި ގެދޮރު ބިނާކުރުމަށް ހިލޭ އެހީ ދޭ ސްކީމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހުޅުމާލެ. ފޮޓޯ:މޯލްޑިވްސް ފައިނޭންޝަލް ރިވިއު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 ނޮވެމްބަރު 2026، 01:24

29 ނޮވެމްބަރު 2026، 01:24

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތުގެ ދަށުން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށާއި، ގެދޮރު އިމާރާތްކުރުމަށް އެހީ ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަޢާރަފުކުރި "ހެލްޕް-ޓު-ބައި" އަދި "ހެލްޕް-ޓު-ބިލްޑް" ސްކީމަށް އެދުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ވިދާޅުވި ގޮތުގައި، މި ދެ ސްކީމަށް ވެސް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ހިޔާވެހި ޕޯޓަލް (hiyaavehi.housing.gov.mv) މެދުވެރިކޮށެވެ. މާލީ އެހީތެރިކަން ދޫކުރުމަށް ހަމަޖެހިފައިވަނީ ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ފައިނޭންސިންގ ފެސިލިޓީ ހަމަޖެހޭ ތަރުތީބުންނެވެ.

"ހެލްޕް-ޓު-ބައި" ސްކީމް

އުސޫލު ނަންބަރު 29-ޖީ/2026 ގެ ދަށުން ހިންގާ "ހެލްޕް-ޓު-ބައި" ސްކީމުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 250,000 ރުފިޔާގެ އެހީއެކެވެ. މި ސްކީމު ބަހާލެވިފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށެވެ.

ފުރަތަމަ ކެޓަގަރީއަކީ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ތަރައްޤީކުރާ ހެޔޮ އަގުގެ ހައުސިންގ ޔުނިޓުތައް ގަތުމަށް ދޭ އެހީއެވެ. 

ދެވަނަ ކެޓަގަރީއަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ވިޔަފާރި އުސޫލުން ވިއްކާ ގެދޮރު ގަތުމަށް ދޭ އެހީއެވެ. މި ކެޓަގަރީން އެހީއަށް އެދޭ ފަރާތްތަކަށް ހައުސިންގ ޔުނިޓު އެލޮޓްވި ކަމުގެ ލިޔުން ލިބުމުގެ ކުރިންވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ދީފައެވެ.

"ހެލްޕް-ޓު-ބިލްޑް" ސްކީމް

އުސޫލު ނަންބަރު 30-ޖީ/2026 ގެ ދަށުން ކުރިއަށްގެންދާ "ހެލްޕް-ޓު-ބިލްޑް" ސްކީމަކީ އަލަށް ގެ އިމާރާތްކުރުމަށާއި، މަސައްކަތް ފަށައި ނުނިމިހުރި އިމާރާތްތައް ނިންމުމަށް ނުވަތަ ބައުވެފައިވާ އިމާރާތްތައް އަލުން ބިނާކުރުމަށް އެހީތެރިވުމަށް ހުޅުވާލި ފުރުޞަތެކެވެ.

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި ހިލޭ އެހީގެ ގޮތުގައި ގޯއްޗަކަށް 200,000 ރުފިޔާ ދޫކުރާނެއެވެ. އަދި ވިލިނގިއްޔާއި ހުޅުމާލެ ނުހިމެނޭހެން މާލޭގެ ގޯތިތަކަށް 200,000 ރުފިޔާއިން ފެށިގެން 1,000,000 ރުފިޔާއާ ހަމައަށް އެހީ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި ފައިސާ ދޫކުރާނީ ގޯތީގެ ވެރިފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ކޮންމެ މީހަކަށް 200,000 ރުފިޔާގެ މަގުން، ގިނަވެގެން ޖުމުލަ 5 މީހުންނަށް ނިސްބަތްވާ ގޮތަށެވެ.

މި ދެ ސްކީމުގެ އުސޫލުތައް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ 25 ނޮވެންބަރު 2026 ގައެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004900 ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ލިބޭނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450