ޚަބަރު
މަރޮށި އައު ކައުންސިލް އިމާރާތުގެ މަސައްކަތް ޑިސެންބަރަށް ނިންމަނީ
މަރޮށި އައު ކައުންސިލް އިމާރާތް. ފޮޓޯ: ޕީއެސްއެމް
ށ. މަރޮށީ ކައުންސިލުގެ އައު އިމާރާތުގެ ހުރިހާ މަސައްކަތެއް އަންނަ ޑިސެންބަރު މަހަށް ނިމޭނެ ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަރޮށީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އިމާރާތުގެ ޢަމަލީ މަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ އެއްކޮށް ނިމިފައެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ އިމާރާތުގައި އޭސީ ހަރުކުރުމާއި ފަރުނީޗަރުތައް އެތުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަރޮށީ ކައުންސިލުގެ ރައީސް މުޙައްމަދު ޢަބްދުއްރަޙްމާން ވިދާޅުވީ، މި ފެށޭ ޑިސެންބަރު މަހުގެ މެދުތެރެއަށް ވާންވާއިރަށް އިމާރާތުގެ ހުރިހާ މަސައްކަތްތަކެއް ނިންމައިލެވޭނެ ކަމަށެވެ. އަދި ޑިސެންބަރު ނުވަތަ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެ އިމާރާތް ރަސްމީކޮށް ހުޅުވިގެންދާނެ ކަމަށް ވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
އަލަށް ތަރައްޤީކުރެވޭ މި އިމާރާތަކީ ޖާގަ ތަނަވަސް އަދި ވަސީލަތްތައް ފުރިހަމަ ތަނެއްކަން ފާހަގަކުރައްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، މި އައު އިމާރާތުގެ ސަބަބުން ކައުންސިލުގެ އިދާރީ ހިންގުމަށާއި ޚިދުމަތް ދިނުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ރަށްރަށުގެ ޖާގައިގެ ދަތިކަން ހުރި އަދި ބާވެ ހަލާކުވެފައިވާ ކައުންސިލް އިދާރާތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، ޖުމްލަ 105 ރަށެއްގައި އައު އިމާރާތް އެޅުމަށް ވަނީ ނިންމަވާފައެވެ. އޭގެ ތެރެއިން އަތޮޅުތެރޭގެ 55 ކައުންސިލެއްގެ އައު އިމާރާތް އެޅުމުގެ މަޝްރޫޢު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 631 މިލިއަން ރުފިޔާއަށް ޙަވާލުކޮށްފައިވަނީ އާރުސީސީއާއެވެ. މި މަޝްރޫޢުގެ ދަށުން ބައެއް ރަށްރަށުގެ އައު އިމާރާތްތަކުގެ މަސައްކަތް މިހާރު ވެސް ނިމި، ރަސްމީކޮށް ވަނީ ޚިދުމަތް ދޭން ފަށާފައެވެ.