ޚަބަރު
ދެން ރާއްޖެ ނާދެވޭ ގޮތަށް އަލަމްގީރު ޑީޕޯޓުކޮށްލައިފި
ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރު---
ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރު، ދެން ދުވަހަކުވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ޑީޕޯޓުކޮށްލާފައިވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އަލަމްގީރުގެ މައްޗަށް ޖަލު ހުކުމެއް އައީ އެއް ޖިންސުން ގުޅުން ހިންގުމާއި، ސިއްރުން ވީޑިއޯ ކޮށްގެން އޮރިޔާން ކާޑު ހެދުމުގެ ކުށުގައި އޭނާގެ މައްޗަށް އުފުލި 46 ދައުވާއެއް ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ. އެ މައްސަލަތަކުގައި 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކޯޓުން ވަނީ އޭނާ ތިން އަހަރާއި ހަ މަހަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އޭނާގެ މައްޗަށް އުފުލި ހުރިހާ ދައުވާތަކަށް ވެސް އަލަމްގީރު ވަނީ ކޯޓުގައި އިއުތިރާފުވެފައެވެ.
އަލަމްގީރާއެކު މި ހުތުރު އަމަލު ހިންގި ބައެއް ދިވެހިން ވެސް ތަހުގީގަށާއި ޝަރީއަތަށް ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުން ހަދައިގެން ކުދި އަދަބުތަކެއް ލިބިގަނެ، އެ މީހުންގެ ހުކުމްތައް ވެސް ވަނީ ތަންފީޒުކޮށް ނިންމައިފައެވެ.
ރާއްޖޭގައި ކުށް ސާބިތުވެގެން ޖަލު ހުކުމް ތަންފީޒުކުރާ ބިދޭސީންގެ ހުކުމުގެ މުއްދަތު ހަމަވުމުން، އުސޫލެއްގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެ މީހުން ހަވާލުކުރަނީ މޯލްޑިވްސް އިމިގްރޭޝަނާއެވެ. އެއަށްފަހު އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމާއި ޑީޕޯޓުކުރުމުގެ އެންމެހައި އިދާރީ މަރުހަލާތައް ކުރިއަށް ގެންދަނީ އިމިގްރޭޝަނުންނެވެ. އެގޮތުގެ މަތިން، ހުކުމް ނިމުމާއެކު އަލަމްގީރު ވެސް މިހާރު ވަނީ އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލައިފައެވެ.