ޚަބަރު
ފިލްމުގައި ޤުރުއާންގެ އާޔަތެއް ސައްހަ ނޫން ގޮތަކަށް ކިޔާފައި އޮތުމުން ސީޒަން މާފަށް އެދިއްޖެ
ފިލްމް ޕަރީ---
ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށް ނެރުނު ފިލްމު "ޕަރީ ޗެޕްޓަރ 1" ގައި ކީރިތި ޤުރުއާނުގެ އާޔަތެއް ސައްހަ ނޫން ގޮތަކަށް ހިމެނިފައިވާތީ، އޭނާ އާންމުންގެ ކިބައިން މާފަށް އެދިއްޖެއެވެ.
ސީޒަން ބުނެފައިވަނީ އެ ފިލްމުގެ ކްލައިމެކްސް މަންޒަރުގައި ކީރިތި ޤުރުއާނުގެ ގިނަ އާޔަތްތަކެއް ބޭނުންކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، ފިލްމު ޑަބްކުރުމުގެ މަރުހަލާގައި އެއް އާޔަތަށް އަކުރެއް އިތުރުކުރެވިފައިވާކަން މިހާރު ފާހަގަކުރެވިފައިވާ ކަމަށާއި، މި ކަމަށްޓަކައި މާފަށް އެދޭ ކަމަށް އޭނާ ބުންޏެވެ. އަދި ސެންސަރު ބޯޑުން ވެސް މިހާރު އެ މައްސަލަ އަންގާފައިވާ ކަމަށް ސީޒަން ހާމަކުރިއެވެ.
މީގެއިތުރުން ސީޒަން ބުނީ، މިހާރު މީޑިއާނެޓާ ވާހަކަދައްކައިގެން ސްޓްރީމް ކުރަމުންދާ ކޮޕީ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކުށް ރަނގަޅު ކުރުމަށްފަހު، އަލުން ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދިނެވެ.
މި މައްސަލައާ ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ، މިކަން ސަމާލުކަމަށް އައުމާ ގުޅިގެން ފިލްމު އަލުން ޑަބްކޮށް ރަނގަޅު ކުރެވެންދެން އެއްވެސް މަންސައަކުން އެ ފިލްމު ދެއްކުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފައިވާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައްޔާއި އެހެނިހެން ވަސީލަތްތަކުގައި އެ މަންޒަރު ދައުރު ނުކުރުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ފިލްމު ކްލެސިފައި ކުރުމުގެ މަރުހަލާގައި މިފަދަ ކަމެއް ފާހަގަކުރެވިފައި ނުވާތީ، އެ ބިއުރޯ އިން ވެސް ވަނީ އާންމުންގެ ކިބައިން މާފަށް އެދިފައެވެ. އަދި ކްލެސިފައި ކުރުމުގައި މިފަދަ މައްސަލައެއް ދިމާވާން މެދުވެރިވި ސަބަބު ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް ވެސް އެ ބިއުރޯއިން ބުނެފައިވެއެވެ.