Ads by Farudhun

ޚަބަރު

ވިޓަމިންސް އަދި އިލެކްޓްރޮލައިޓްސް ހިމެނޭ ބުއިންތައް އާންމުކޮށް ބޭނުންނުކުރުމަށް އިލްތިމާސްކޮށްފި

ވިޓަމިންސް އަދި އިލެކްޓްރޮލައިޓްސް ހިމެނޭ ބުއިންތައް އާންމުކޮށް ބޭނުންނުކުރުމަށް އިލްތިމާސްކޮށްފި

އެމްއެފްޑީއޭ ހިންގަމުން އަންނަ ރޯޝަނީ ބިލްޑިން--

farudhun logo

ފަރުދުން

29 ނޮވެމްބަރު 2026، 05:44

29 ނޮވެމްބަރު 2026، 05:44

ވިޓަމިންސް، މިނަރަލްސް އަދި އިލެކްޓްރޮލައިޓްސް ގިނަ މިންވަރަކަށް އެކުލެވޭ ބުއިންތައް ދިވެހިރާއްޖޭގައި ބޭނުންކުރުން އާންމުވެފައިވާތީ، އެފަދަ ބުއިންތައް އާންމުކޮށް ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ. 

އެމްއެފްޑީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ ތަފާތު ބާވަތްތަކުގެ ބުއިންތައް ރާއްޖެ އެތެރެކޮށް، އާންމު ފިހާރަތަކުގައި މިހާރު ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ވިއްކަމުންނެވެ. އަދި މި ބުއިންތަކުގެ ލޭބަލްގައި އެއީ "އެނާޖީ" ބުއިމެއް ނުވަތަ "ހައިޑްރޭޝަން" ބުއިމެއް ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އޭގައި އެކުލެވޭ މާއްދާތަކާއި އޭގެ މިންވަރަށް އެއްވެސް ވަރަކަށް ބެލުމެއްނެތި އާންމުކޮށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ވެސް ވަނީ އެ އިއުލާނުގައި ފާހަގަކޮށްފައެވެ.

އެ އިދާރާއިން ފާހަގަކުރި ގޮތުގައި، އެއްވެސް ބެލުމެއްނެތި ކުޑަކުދިންނާއި، ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ވެސް މި ބުއިންތައް ގަވާއިދުން ބޭނުންކުރަމުން ދެއެވެ. އަދި މިގޮތަށް، މާއްދާތައް އެކުލެވޭ މިންވަރު ނުބަލައި މިފަދަ ބުއިންތައް ބޭނުންކުރުމަކީ ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް އެމްއެފްޑީއޭގެ އިއުލާނުގައި ވަނީ ހަނދާންކޮށްދީފައެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އެޅި މި ފިޔަވަޅާއެކު، މީގެފަހުން މިފަދަ ބުއިންތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ އެމްއެފްޑީއޭ އިން ކަނޑައަޅާފައިވާ ހާއްސަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން "ގައިޑްލައިން ފޯ ރަޖިސްޓްރޭޝަން އޮފް ނިއުޓްރާސޫޓިކަލްސް" ގެ ދަށުން އެ ތަކެތި ރަޖިސްޓްރީކޮށް، އެތެރެކުރުމުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

މީގެ އިތުރުން، އެމްއެފްޑީއޭގައި ރަޖިސްޓްރީނުކޮށް ރާއްޖެއަށް އެތެރެކުރާ މިފަދަ ބުއިންތައް، ބޭހާބެހޭ ގަވާއިދުގެ ދަށުން ހިފަހައްޓަމުން ގެންދާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450