ކުޅިވަރު

"ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖު" ގެ ދެވަނަ މޮޅު ރާއްޖޭން ހޯދައިފި

"ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖު" ގެ ދެވަނަ މޮޅު ރާއްޖޭން ހޯދައިފި

"ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖު"- ފޮޓޯ އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަން

farudhun logo

ފަރުދުން

08 ސެޕްޓެމްބަރު 2024، 05:35

08 ސެޕްޓެމްބަރު 2024، 05:35

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖުގައި ރާއްޖެ އާއި ތަޖިކިސްތާން ވާދަކުރި މެޗު ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

ރޭ ސޯސަލް ސެންޓަރުގައި ކުރިއަށްދިޔަ މި މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 1-3 ސެޓުންނެވެ. މެޗު ފެށިގެންދިޔައިރު ދެފަރާތުންވެސް ވާދަވެރި ކުޅުމެއް ކުޅެފައިވާއިރު ރާއްޖެ އިން މަޑު މަޑުން ލީޑު ފުޅާކުރަމުންގޮސް ބޮޑު ލީޑެއް ވަނީ ނަގާފައެވެ. މި ސެޓު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 18-25 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓު ފެށިގެން ނިމެންދެން ރާއްޖެއިން މޮޅު ކުުޅުމެއް ކުޅެފައިވާއިރު މި ސެޓު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 12-25 ގެ ނަތީޖާ އަކުން ފަސޭހަކަމާއެކުއެވެ. 

މެޗުގެ ފުރަތަމަ ދެ ސެޓު ރާއްޖެއިން ކާމިޔާބުކޮށްފައިވަނިކޮށް މެޗުގެ ތިންވަނަ ސެޓު ތަޖިކިސްތާނުން ވަނީ ކާމިޔާބުކޮށްފައެވެ. ވާދަވެރި ކުޅުމަކަށްފަހު ރާއްޖެއިންވެސް ލީޑު ނަގާފައިވަނިކޮށް ތަޖިކިސްޓާނުން ހިތްވަރެއްލާ ކުޅުން ވަރުގަދަކޮށް ރާއްޖޭގެ މައްޗަށް ލީޑެއް ހޯދިއެވެ. މި ސެޓު ތަޖިކިސްތާނުން ކާމިޔާބުކޮށްފައިވަނީ 21-25 ގެ ނަތީޖާއަކުންނެވެ.

ހަތަރުވަނަ ސެޓުގެ ކުޅުންވެސް ވާދަވެރިކަމާއެކު ކުރިއަށްދިޔަނަމަވެސް މި ސެޓުވެސް ރާއްޖެއިން ފަސޭހަކަމާއެކު ކާމިޔާބުކޮށްފައިވަނީ 16-25 ގެ ނަތީޖާ އަކުންނެވެ.

މިއީ މި މުބާރާތުގައި ރާއްޖެއިން ހޯދާފައިވާ ދެވަނަ މޮޅެވެ. އިތުރު އެއް މެޗު ކުރިއަށް އޮތްއިރު ރާއްޖޭގެ ޤައުމީ ޓީމް އޮޮތީ އައު ހިތްވަރެއްގައެވެ. މިރޭ 20:30 ގައި ރާއްޖެ ނިކުންނާނީ ކިރްގިސްތާން އާއި ދެކޮޅަށެވެ. މެޗް ކުރިއަށްދާނީ މާލޭގެ ސޯޝަލް ސެންޓަރުގައެވެ.

މި ލިޔުން ކިޔާލުމުން