ޚަބަރު
ކެއާރ ވޯކަރުންނަށް އަމާޒުކޮއްގެން ހުނަރުތައް ތަރައްޤީކުރުމުގެ ޕުރޮގުރާމުތަކެއް!
ވުޒާރާ
2024 ވަަނަ އަހަރުގެ 15 ޑީސެމްބަރުން، 19 ޑިސެންބަރުގެ ނިޔަލަށް،ކެއާރ ވޯކަރުންނަށް ޢަމާޒުކޮށްގެން، ޢިޖުތިމާޢި ޚިދުމަތް ފޯރުކޮށްދިނުމުގެ ހުނަރުތައް ތަމްރީނުކުރުމުގެ ޕުރޮގުރާމެއް ހިންގުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
5 ދުވަހުގެ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤްސަދަކީ، ސަރުކާރުގެ ބަލަދުވެރިކަމުގެ ދަށުގައި ތިބި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވެމުންދާ ޖިސްމާނީ، އަދި ނަފްސާނީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމެވެ. ހަމައެހެންމެ ، ސަރުކާރުގެ ބަލަދުވެރިކަމުގެ ދަށުގައި ތިބި މީހުންނަކީ، އުފާވެރި، ރައްކާތެރި ވެއްޓެއްގައި ދިރިއުޅެމުންދާ ބައެއްކަން ކަށަވަރުކުރުމަށް ޓަކައި، އެންމެ ފުރިހަމަ ގޮތެއްގައި އެމީހުންގެ މުހުތާދުތައް ފުއްދައިދެވޭނެ ގޮތްތަކުގެ އިރުޝާދުތައް، މި ތަމްރީނުތަކުގައި، އިޖުތިމާޢި ޙިދުމަތްދޭ ފަރާތްތަކަށް ފޯރުކޮއްދިނުމަށް މި ވުޒާރާއިން ގަސްތުކޮށްފައިވެއެވެ.
މި ޕުރޮގުރާމުގެ އަލީގައި، އިޖުތިމާޢި މަސައްކަތްތުރާ ފަރާތަތްތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކުގެ ގުޅުން ހަރުދާނާވެ، އެފަރާތްތަކަށް ފޯރުކޮށްދެވެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް އިތުރުވެ، ފުރިހަމަވެގެންދިއުމަކީ، މި ތަމްރީނުތަކުގެ އެންމެ މުހިންމު ބޭނުމެވެ. މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ސްޓޭޓް ކެއަރތަކުގައި މަސައްކަތްކުރާ ކެއަރ ވޯކަރުންނަކީ ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓާ ފަރާތްތަކަށް ގާތުން އެހީތެރިކަން ފޯރުކޮށްދޭ ބަޔަކަށް ހެދުމަށް ބާރުއަޅައި، ލޯތްބާއި ކުލުނާއެކު ޚިދުމަތްތައް ފޯރުކޮށްދެވޭނެކަން ކަށަވަރުކުރުމަށް އެފަރާތްތަކަށް ބޭނުންވާ ޢިލްމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަކީ ވެސް، މި ޕުރޮގުރާމުގެ ތެރެއިން ހާސިލްވެގެންދާނެ ލަނޑުދަނޑިއެކެވެ.
މި ޕުރޮގުރާމުގައި ބ، ހދ، ލ، ނ، ދ، ށ، ހއ އަދި ގދ އަތޮޅުގެ އަމާންވެށީގެ ކެއަރ ވޯކަރުންނާއި ޅ، މ އަދި ތ ފެމެލީ އެންޑް ޗިލްރެންޑް ސަރވިސް ސެންޓަރުގެ ކެއަރ ވޯކަރުންނާއި ފިޔަވަތި، އަދި ވިލިނގިލީ އިޖުތިމާޢީ ޚިދުމަތްދޭ މަރުކަޒުގެ ކެއަރ ވޯކަރުކަރުން ބައިވެރިވެފައިވެއެވެ.
ޖުމުލަ 24 މުވައްޒަފުން ބައިވެރިވެ ހިނގޭ މި ޕްރޮގުރާމުން، އޯގާތެރި، ހުނަރުވެރި މަސަކަތްތެރީންތަކެއް ދިވެހިޤައުމަށް ނުކުމެގެންދިޔުމީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދެކެމުން އަންނަ ފޮނި ހުވަފެނެކެވެ.