ދުނިޔެ

"އެއީ އަހަރެންގެ ރޫޙުގެ ރޫޙު" މި ބަސްކޮޅާއި އެކު މަޝްޙޫރުވި ފަލަސްޠީނުގެ ކާފަ ޝަހީދުކޮށްލައިފި

"އެއީ އަހަރެންގެ ރޫޙުގެ ރޫޙު" މި ބަސްކޮޅާއި އެކު މަޝްޙޫރުވި ފަލަސްޠީނުގެ ކާފަ ޝަހީދުކޮށްލައިފި

ޚާލިދް ނަބްޙާން އޭނާގެ ކާފަ ދަރިފުޅު ރީމްއާއި އެކު. ފޮޓޯ: ޤުދުސްނެޓްވޯކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޑިސެމްބަރު 2024، 03:28

16 ޑިސެމްބަރު 2024، 03:28

"އެއީ އަހަރެންގެ ރޫޙުގެ ރޫޙު" މިބަސްކޮޅާއި އެކު އެތައްބައެއްގެ ސަމާލުކަން ހޯދި ފަލަސްޠީނުގެ ކާފަ އިޒްރާއިލްގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ.

ތިން އަހަރުގެ ކާފަ ދަރިފުޅު ރީމްގެ ޝަހީދުވެފައިވާ ހަށިގަނޑާއި އެކު ހިތާމަ ފާޅުކުރަމުންދިޔަ މަންޒަރާއި އޭނާގެ ވޭނީ ބަސްތަކާއި އެކު މަޝްޙޫރު ވެގެންދިޔަ ޚާލިދު ނަބްޙާން ޝަހީދުކޮށްލައިފައިވަނީ ފަލަސްޠީނުގެ ނުޞައިރަތް ކޭމްޕަށް ހޯމަދުވަހު ހެނދުނު އިޒްރާއިލުން ދިން ހަމަލާއެއްގައެވެ. 

ޚާލިދު ނަބްޙާން ޝަހީދުވެގެން ދިޔަ މި ހަމަލާ އިޒްރާއިލް ސިފައިން ދީފައިވަނީ ނުޞައިރަތް ކޭމްޕް ކައިރީގައި އޮންނަ ސަހަރާއަކާއި ގާތުންނެވެ. ޚާލިދު ޝަހީދުވެގެން ދިޔަ މި ހަމަލާގައި އިތުުރ ދެމީހަކުވެސް ޝަހީދުވެފައިވާ ކަމަށް ޤުދުސް ނެޓްވޯކުން ވަނީ ރިޕޯޓުކޮށްފައެވެ. 

ޚާލިދު މަޝްޙޫރު ވެގެން ދިޔަ ވީޑިއޯގައި އޭނާގެ ތިން އަހަރުގެ ކާފަ ދަރިފުޅު ރީމް އާއި ފަސް އަހަރުގެ ކާފަ ދަރިފުޅު ޠާރިޤްވެސް ފެނިގެންދެއެވެ. ރީމް އާއި ޠާރިޤް ޝަހީދު ކޮށްލައިފައިވަނީ އެމީހުންގެ ޢާއިލީ ގެއަށް އަމާޒުކޮށް އިޒްރާއިލް ސިފައިން ދިން ހަމަލާއެއްގައެވެ. 

ރީމް އާއި ޠާރިޤްގެ ޝަހީދުވެފައިވާ ހަށިތަކާއި މެދު ވާހަކަދައްކަމުން އޭރު ޚާލިދު ބުނެފައިވަނީ ގޭގެ އިމާރާތް ވެއްޓި ހަލާކުވެފައިވާ ގައުކުނޑިތައް ދަށުން އެދެކުދިންގެ ހަށިތައް ނެގީ އެނާގެ އަތުން ކަމަށެވެ. އޭރު އޭނާއަށް ވެސް ހުރީ އަނިޔާތަކެއް ލިބިފައެވެ. އެގެއަށް ދިން ހަމަލާގައި ޚާލިދުގެ އަންހެން ދަރިއަކަށްވެސް ބޮޑެތި އަނިޔާތެކެއް ލިބުނެވެ. 

ރީމްް އަކީ އަހަރެންގެ ޙަޔާތުގެ އެއްބައި، އޭނާ ދުނިޔެ ދޫކުރުމުގެ ކުރިން އެކުއްޖާފުޅަށްޓަަކައި އަހަރެން ގިނަ ހުވަފެންތަކެއް ދުށިން، އޭނާ ބޮޑުވެގެން ޔުނިވަރސިޓީއަށް ކިޔަވަން ދާމަންޒަަރު ދެކެން ބޭނުންވި، އަދި އޭނާ ކިޔަވައިގެން ޚާއްޞަ ވާނެ ދާއިރާއެއް ކަނޑައެޅުމުގައި މަޝްވަރާ ދިނުމުގެ ވާހަކަތައް އަހަރެމެން ދެއްކީމު

ރީމްގެ ޝަހީދުވެފައިވާ ހަށިގަނޑާއި އެކު ހުރެ ޚާލިދު ދެއްކި ވާހަކަތަކުގައި ބުނެފައިވެއެވެ.

ރީމް އާއި ޠާރިޤް ޝަހީދުވެގެން ދިޔުމަށްފަހު ވެސް ޚާލިދު ފާހަގަވެފައިވަނީ ހިތްވަރާއި އެކު އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވި މީހެއްގެ ގޮތުގައެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS