ކުޅިވަރު
އެމްބީއޭ: ދެވަނަ ދައުރަކަށް އެޑަމް އިންތިހާބުކޮށްފި

އަލަށް އިންތިހާބުވި އެމްބީއޭގެ ހިންގާ ކޮމެޓީ--- ފޮޓޯ: އެމްބީއޭ
ހުލާސާ
އެމްބީއޭގެ ދެވަނަ ދައުރަކަށް އިންތިހާބުވި އެޑަމް އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގައި ވެސް މަސައްކަތްކުރަމުން އަންނަ ބޭފުޅެއް. އަދި ސައުތު އޭޝިއާގެ ބާސްކެޓްބޯޅަ ފެޑެރޭޝަން (ސާބާ)ގެ މިހާރުގެ ރައީސް އަކީ ވެސް އެބޭފުޅާ.
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ކުރިޔަށް އޮތް ދައުރުގެ ރައީސަކަށް، މިހާރު ވެސް އެ މަގާމުގައި ހުރި އަހުމަދު އާދަމް (އެޑަމް) އިންތިހާބުކޮށްފިއެވެ.
އެމްބީއޭގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައި އޮތް މުއްދަތު ހަމަވިއިރު، ކޮންމެ މަގާމަކަށް ވެސް ކުރިމަތިލާފައި ވަނީ އެންމެ ފަރާތަކުންނެވެ. އެހެންކަމުން ހުރިހާ މަގާމެއް ވެސް އިންތިހާބުކުރީ ފެންނަ-ނުފެންނަ ވޯޓަކުންނެވެ.
މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 20 ކްލަބަކަށް ލިބިފައިވީ ނަމަވަސް، އިންތިހާބުގައި ބައިވެރިވެފައި ވަނީ 12 ކްލަބަކުންނެވެ. އަދި ފެންނަ-ނުފެންނަ ވޯޓުގައި ފުރިހަމަ އަގުލަބިއްޔަތުން އިންތިހާބު ކާމިޔާބުކުރީ އެޑަމްގެ ޓީމެވެ.
އެމްބީއޭގެ މަގާމުތަކަށް އިންތިހާބުވި ބޭފުޅުން:
ރައީސް: އަހުމަދު އާދަމް
ނައިބު ރައީސް އިދާރީ: ހުސެއިން ސުހެއިލް
ނައިބު ރައީސް މާލީ: އިސްމާއިލް ނުޖައިމީ އިބްރާހިމް
ސެކްރެޓަރީ ޖެނެރަލް: ވިސާމް ރަޝީދު (ވިޒޫ)
މީގެ އިތުރުން އެމްބީއޭގެ ހިންގާ ކޮމިޓީގެ ފުރިހަމަ މެމްބަރުންގެ ގޮތުގައި އިންތިހާބުވީ، އަހުމަދު އަފްޝަން ރަޝާދާއި، އާދަމް މުހައްމަދާއި، ހުސެއިން އަދުހަމް އަލީ އާއި މުހައްމަދު ނަސީރު އަދި އަހުމަދު ގާސިމް (އަހޫ) އެވެ.
އިންތިހާބުގެ މަގާމުތަކަށް މި ބޭފުޅުން އައްޔަނު ކުރިއިރު، އާ ދައުރު ފަށާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.
މި އިންތިހާބުގައި ވޯޓު ދިން 12 ކްލަބުގެ ތެރޭގައި ހިމެނެނީ ލަޔަނެސް ސްޕޯޓްސް، ކުއީންސް ބާސްކެޓްބޯލް ކްލަބް، ރައިސިން ބާސްކެޓްބޯލް އެކަޑަމީ، ސްޓިންގާސް ބާސްކެޓްބޯލް ކްލަބް، ބެންޗް ސްޕޯޓްސް ކްލަބް، އެލީޓް ސްޕޯޓްސް ކްލަބް، އެލްކިޔު ސްޕޯޓްސް ކްލަބް، ދި ބައުސް ސްޕޯޓްސް ކްލަބް، ޓީރެކްސް ބާސްކެޓްބޯލް ކްލަބް، ޔުނައިޓެޑް ނެޓްވޯކް އޮފް ފްރެންޑްސް، ވައިޕާސް ބާސްކެޓްބޯލް ކްލަބް އަދި ޑަބްލިއު ސްޕޯޓްސް އެކަޑަމީއެވެ.
އެމްބީއޭގެ ދެވަނަ ދައުރަކަށް އިންތިހާބުވި އެޑަމް އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގައި ވެސް މަސައްކަތްކުރަމުން އަންނަ ބޭފުޅެކެވެ. އަދި ސައުތު އޭޝިއާގެ ބާސްކެޓްބޯޅަ ފެޑެރޭޝަން (ސާބާ)ގެ މިހާރުގެ ރައީސް އަކީ ވެސް އެބޭފުޅާއެވެ.