ޚަބަރު
ކަނޑުތައް ހިމާޔަތް ކުރުމުގެ ކަންކަން ނިންމަން ޖެހޭނީ ސައިންސްގެ އަލީގައި ކަމަށް ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ
އެކްސް
ޗައިނާ އިންޑިއަން އޯޝަން ރީޖަން ފޯރަމުގައ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ވަޒީރު މިހެން ވިދާޅުވީ، މި ފޯރަމުގައި ކުރިއަށްދިޔަ ތީމެޓިކް ޑިސްކަޝަން އޮން ދަ އޯޝަން ޑިކޭޑު އޮފް ޔުނައިޓެޑް ނޭޝަންސް އިން ދަ ކޮންޓެކްސް އޮފް ގްލޯބަލް ޑިވެލޮޕްމަންޓު އިނިޝިއޭޓިވްގައި ކަނޑުތަކާއި ދިވެހިންނާއި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލަމުންނެވެ.
މޫސުމަށް އަންނަ ބަދަލުތަކުން އެންމެ ފުރަތަމަ ގެއްލުންލިބޭނެ ބަޔަކީ ދިވެހިންކަމާއި، ދިވެހިންނަކީ އެންމެ އިހުއްސުރެ ދިވެހި ކަނޑުފަރުތަކުން ނަފާހޯދައިގެން އުޅުނު ބައެއްކަން މި ވާހަކަކޮޅުގައި ވަޒީރު ފާހަގަކުރައްވާފައިވެއެވެ. ކަނޑުތައް ހިމާޔަތްކުރުމުގެ މިހިންމުކަމަށާއި، ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރި ވެއްޓެއް ފޯރުކޮއްދިނުމުގެ ބޭނުންތެރިކަމުގެ މައްޗަށް ވެސް މި ވާހަކަކޮޅުގައި އަލިއަޅުވާލައިފައިވެއެވެ.
"ދުނިޔޭގެ ކަނޑުތައް ޙިމާޔަތްކުރުމަށް ބޭނުންވާ ސައިންސްގެ ކުރިއެރުންތައް" މި ޝިޢާރުގެ މައްޗަށް މި އަހަރު ބޭއްވުނު އޯޝަން ޑިކޭޑްގެ މި ބައްދަލުވުމުގައި، އޯޝަން ޑިކޭޑަކީ ސައިންސުގެ އަލީގައި ދިވެހިންނަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަށް ހައްލުހޯދޭނެ ފުރުސަތެއްކަން ވަޒީރު ފާހަގަކުރައްވާފައިވޭ.
ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ޙިމާޔަތް ކުރުމަށް ޓަކައި، އޯޝަން ޑިކޭޑާއި އެއްވަރަށް ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގެ އެއްބާރުލުން ބޭނުންވާނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އދ. މި ދެ އޮނިގަނޑުން ވެސް މަސްވެރިން ބާރުވެރިކޮށްދީ، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް ކަނޑުގެ ދިރާސާ ސިޔާސަތުތަކަށް ވަކާލާތު ކުރުމުގެ ފުރުސަތުތައް ލިބިގެންދާކަން ވެސް މަސްވެރިކަމާއި ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ފާހަގަކުރެއްވީ، ތިމާވެށިގެ ގޮންޖެހުންތައް ހައްލުކުރެވޭނީ ޤައުމެއްގެ ރައްޔިތުން އެކުގައި މަސައްކަތްކޮއްގެން ކަމެވެ. ހަމައެހެންމެ، ތިމާވެށި ޙިމާޔަތް ކުރެވޭނީ، ކުރިއަށްއޮތް ޖީލުތަކަށް، ރައްކާތެރިކަމާއެކު ތިމާވެށި ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅެ، ތަޖުރިބާތަކާއި، ޚިޔާލުތައް ހިއްސާކޮށްގެން ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.