Ads by Exprox

ޚަބަރު

ޗައިނާގެ އިންވެސްޓަރުންނަށް މެރި ކަލްޗަރގެ ދާއިރާއަށް އިންވެސްޓްކުރުމަށް ދަޢުވަތު ދެއްވައިފި

ޗައިނާގެ އިންވެސްޓަރުންނަށް މެރި ކަލްޗަރގެ ދާއިރާއަށް އިންވެސްޓްކުރުމަށް ދަޢުވަތު ދެއްވައިފި

އެކްސް

17 ޑިސެމްބަރު 2024، 12:15

ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ، ސީއައިޑީސީއޭގެ ޗެއަރމަން ލުއާ ޖައުހުއީ އާއެކު ބޭއްވި ބައްދަލުވުމުގައި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ މެރި ކަލްޗަރ ދާއިރާއަށް އިންވެސްޓް ކުރުމުގެ ދަޢުވަތު އެމަނިކުފާނަށް އަރުވާފައެވެ. 

 ރާއްޖޭގައި މެރި ކަލްޗަރގެ ސިނާޢަތެއް ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ، މި ދާއިރާއަށް އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުބާލައިފިވާކަން މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ފާހަގަކުރައްވާފައިވެއްވެ. 

 މި ބައްދަލުކުރެއްވުމުގައި މެރި ކަލްޗަރގެ ދާއިރާއިން ދިވެހިރާއްޖެ ކުރިއަރައި ދިއުމުގެ ފުރުޞަތު އެބައޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މެރި ކަލްޗަރގެ ސިނާޢަތް ފެށުމަށް 4 ސަރަޙައްދެއް މިހާރުވަނީ ކަނޑައަޅާފައިކަމާއި، މި ދާއިރާގެ ކުރިއެރުމަށް އިންވެސްޓަރުން މުހިންމުކަމާއި، އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން މި ބައްދަލުވުމުގައި ވަޒީރު ފާހަގަކުރައްވާފައިވެއެވެ. އަދި މި ދާއިރާއަށް މީހުން ތަމްރީންކުރުމަށާއި ޓެކްނޮލޮޖީގެ އެހީތެރިކަން ބޭނުންވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

 ޝިޔާމް ވިދާޅުވާގޮތުގައި، މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމަށް، މަސް ޕްރޮސެސިންގް ކެޕޭސިޓީ އިތުރުކުރުމަށާއި، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. 

 ރާއްޖެއާއި ޗައިނާ، މި ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ އިސްތިޤްލާލީ ހަމަހަމަކަމާއި އިޙްތިރާމްގެ މައްޗަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވެފައި ވަނީ، ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތްތަނުގައިވެސް ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

 ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމަކީ ރާއްޖޭން ކޯ-ހޯސްޓްކުރާ ފޯރަމެކެވެ. ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، "ދަ ފިއުޗާ އޮފް ދަ ބްލޫ އިންޑިއަން އޯޝަން ޑިވެލޮޕްމަންޓް ޕްރެކްޓިސް އޮފް ދަ ގްލޯބަލް ސައުތު" މި ޝިއާރުގެ ދަށުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco