ދުނިޔެ
ރަޝިއާގެ އިސް ޖެނެރަލެއް މޮސްކޯގައި ދިން ބޮމުގެ ހަމަލާއެއްގައި މަރުވެއްޖެ
ލެފްޓިނަންޓް ޖެނެރަލް އިގޯރ ކިރިލޮވް ފޮޓޯ:މޮޮސްކޯ ޓައިމްސް
ރަޝިއާގެ ހަތިޔާރު އެޅި ބާރުތަކުގެ އިސް ޖެނެރަލެއް މޮސްކޯގައި ދިން ބޮމު ހަމަލާއެއްގައި މަރުވެއްޖެއެވެ. މި ހަމަލާގައި މަރުވި ލެފްޓިނަންޓް ޖެނެރަލް އިގޯރ ކިރިލޮވްއަކީ ރަޝިއާގެ ނިއުކްލިއަރ، ބަޔޮލޮޖިކަލް އަދި ކެމިކަލް ޕްރޮޓެކްޝަން ޓްރޫޕްސްގެ އިސްވެރިޔާއެވެ.
ރޮއިޓަރސް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، މި ހާދިސާ ހިނގީ އަންގާރަ ދުވަހު ކްރެމްލިންއާ 7 ކިލޯމީޓަރު ދުރުގައިވާ ރިޔަޒަންސްކީ ޕްރޮސްޕެކްޓްގައި ހުރި އެޕާޓްމަންޓް އިމާރާތެއްގެ ކުރިމަތީގައެވެ. ކިރިލޮވް އެ އިމާރާތުން ނުކުމެގެން ދަނިކޮށް، އިލެކްޓްރިކް ސްކޫޓަރެއްގައި ފޮރުވާފައި ހުރި ބޮމެއް ގޮވައި، އޭނާ މަރުވެފައިވެއެވެ. މި ހަމަލާގައި ކިރިލޮވްގެ އެހީތެރިޔާވެސް މަރުވެފައިވާ ކަމަށް ރަޝިއާގެ ތަޙުޤީޤު ކޮމިޓީން ބުނެފައިވެއެވެ.
މި ހާދިސާ ހިނގީ ރަޝިއާއިން ޔުކްރެއިންގައި ހިންގަމުންދާ "ސްޕެޝަލް މިލިޓަރީ އޮޕަރޭޝަން" ފެށި ތާ ތިން އަހަރު ފުރެން ކައިރިވަމުން އަންނަ ދަނޑިވަޅެއްގައެވެ. މި ގޮވުމުގެ ސަބަބުން އިމާރާތުގެ ގިނަ ކުޑަދޮރުތަކެއް ތަޅައިގެންގޮސް، މައި ދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރަޝިއާގެ މީޑިއާތަކުން ޝާއިޢުކޮށްފައިވާ ފޮޓޯތަކުން ދައްކައެވެ.
މި ހާދިސާ ހިނގި ސަރަޙައްދު ވަނީ ބަންދުކުރެވިފައެވެ. އަދި މި މައްސަލައިގައި ޖިނާއީ ދަޢުވާއެއް އުފުލާފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ކިރިލޮވްއަކީ 2017 އިން ފެށިގެން އޭނާގެ މަޤާމުގައި ހުރި މީހެކެވެ. އޭ.އެފް.ޕީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ޔުކްރެއިންގައި ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ތުހުމަތުކުރެވިގެން އޮކްޓޯބަރު މަހު ބްރިޓެއިންއިން ވަނީ އޭނާގެ މައްޗަށް ދަތުރުފަތުރުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ހަމަ އެ ތުހުމަތުގައި ހޯމަ ދުވަހު ޔުކްރެއިންގެ ޕްރޮސެކިއުޓަރުންވެސް ވަނީ އޭނާގެ މައްޗަށް ދަޢުވާ އުފުލާފައެވެ. ނަމަވެސް ރަޝިއާއިން މި ތުހުމަތުތައް ދަނީ ދޮގުކުރަމުންނެވެ.