ދުނިޔެ
މިއަދު ހެނދުނުވެސް ޣައްޒާގެ އެކި ހިސާބުތަކުން 14 މީހަކު ޝަހީދުކޮށްލައިފި

މިއަދުގެ ހެނދުނުގެ ހަމަލާގައި ޝަހީދުވި ބައެއް މީހުންގެ ހަށިތައް. ފޮޓޯ: ޤުދުސްނެޓްވޯކް
މިއަދު ހެނދުނުވެސް ޣައްޒާގެ އެކި ހިސާބުތަކަށް އިޒްރާއިލް ސިފައިން ދިން ހަމަލާތަކުގައި ފަލަސްޠީނުގެ 14 މީހަކު ޝަހީދު ކޮށްލައިފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.
މިހަމަލާތަކުގެ އިތުރު ތަފްސީލު ހާމަކުރަމުން އަލްޖަޒީރާގައި ބުނެފައިވަނީ ޣައްޒާ ސިޓީގެ މީހުން ދިރިއުޅޭ ޢިމާރާތަކަށް އިސްރާއީލުގެ ފަޔަރ ޖެޓްތަކުން ބޮން ގޮއްވާލުމުގެ ސަބަބުން އެޢިމާރާތުން 10 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.
ޣައްޒާ ސިޓީގައި ދިން ހަމަލާ އަމާޒުކޮށްފައިވަނީ ދަރަޖް ނެއިބަރހުޑްގައި ހުންނަ ތަބަތީބީ އާއިލާގެ ގެއަށެވެ. ފޫޓޭޖްތަކުން ފެންނަ ގޮތުގައި ހަމަލާތަކުގެ ސަބަބުން އެޢިމާރާތުގައި އަލިފާން ރޯވެގެން ދިޔައެވެ. އަދި ރެސްކިއު ވޯކަރުން ވެއްޓުނު ޢިމާރާތުގެ ގައުތަކުގެ ތެރެއިން ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ތަން ފެނިގެން ގޮސްފައިވެއެވެ.
ޣައްޒާގެ މެދުތެރޭގައި އޮންނަ ދެއިރްއަލްބަލަޙް އިން ރިޕޯޓް ކުރަމުން އަލްޖަޒީރާގެ ތާރިޤް އަބޫ އައްޒޫމް ބުނެފައިވަނީ ތަބަތިބީ އާއިލާގެ ގެއަށް ހަމަލާތައް އަމާޒުކޮށްފައިވަނީ އިންޒާރު ދިނުމަކާއިވެސް ނުލައި ކަމަށެވެ. "ސިވިލް ޑިފެންސްގެ މަސައްކަތްތެރިން ކަށަވަރުކޮށްދިން ގޮތުގައި ހަމަލާގައި ޝަހީދުވި މީހުންގެ ހަށިތައް ވަނީ ޗިސްޗިސްވެ ބައިތައް ވަކިވެފައި”އަބޫ އައްޒޫމް ބުނެފައިވެއެވެެ.
ޣައްޒާގެ އެސަރަހައްދަށް ދިން ހަމަލާގެ އިތުރުން ރަފަހްއަށާއި ޖަނީން އަށް ދިން ހަމަލާތަކެއްވެސް މިއަދު ރިޕޯޓު ކޮށްފައިވެއެވެ. މީގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ އުތުރު ޣައްޒާގެ ހަމައެކަނި ޚިދުމަތް ދެވޭ ޙާލަތުގައި ހުރި ހޮސްޕިޓަލުގައިވެސް ޚިދުމަތް ނުދެވޭނެ ފަދަ ބިރުވެރި ޙާލަތެއް މެދުވެރިވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް ވެސް ޑަބްލިޔުއެޗްއޯ އިން ވަނީ ގޮވަައިލައިފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ވަރުގަދަ ހަމަލާތައް ދެމުން އަންނަ ބައިތް ލާހިޔަގައި ހުންނަ ކަމަލް އަދްވަން ހޮސްޕިޓަލާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ވިދާޅުވެފައިވަނީ އެހޮސްޕިޓަލް ހުރީ ވަރަށް ނާޒުކު ޙާލަތެއްގައި ކަމަށެވެ.
“އަޅުގަނޑުމެން އިލްތިމާސް ކުރަން ސިއްހީ ފަރުވާ ހިމާޔަތް ކުރުމަށާއި މި އަނިޔާވެރިކަން ހުއްޓުވުމަށް، ހަނގުރާމަ ހުއްޓާލުމަށް، ޑަބްލިޔުއެޗްއޯ އާއި ޕާޓްނަރުން އެ ފެސިލިޓީއަށް ދެވުނީ މީގެ ދެ ދުވަސް ކުރިން، އެހިސާބަށް ޓީމަށް ވާސިލް ވެވުނު އިރުވެސް ހަމަލާތައް ދެމުންދޭ" ޓެޑްރޯސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ކަމަލް އަދުވަން ހޮސްޕިޓަލުގެ ޑިރެކްޓަރު ހުސާމް އަބޫ ސާފިޔާ ވިދާޅުވެފައިވަނީ އިޒްރާއީލުގެ ސްނައިޕަރުން އެ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓަށް ހަމަލާދީފައިވާ ކަމަށެވެ.
އަބޫ ސާފިޔާ ވިދާޅުވެފައިވަނީ މިއީ ވަރަށް ސީރިއަސް ކަމެއް ކަމަށާއި މިފަދަ ހަމަލާތަކުގެ ސަބަބުން އައިސީޔޫގެ ޚިދުމަތް ދިނުމަށް ދަތިވާ ކަމަށާއި ނަމަވެސް ހަމަލާދޭތީ ޚިދުމަތް ހުއްޓާލައިގެން ނުތިބެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ހޮސްޕިޓަލް ވަށާލައިގެން އިޒްރާއިލް ސިފައިން ތިބުމުން ބަލިމީހުންނާއި އެކު އެހެން ތަނަކަށް ބަދަލުވެވެން ނެތް ކަމަށްވެސް އަބޫ ސާފިޔާ ވަނީ ވިދާޅުވެފައެވެ.