Ads by Exprox

ޚަބަރު

ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤްކުރައްވަފި

ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤްކުރައްވަފި

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޑިސެމްބަރު 2024، 04:26

17 ޑިސެމްބަރު 2024، 04:26

ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހިތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް 1ވަނަ އިސްލާޙު ގެނައިމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ. 

މިއަދު ރައީސް ތަސްދީޤްކޮށްދެއްވި މި ބިލަކީ، 2024 ޑިސެންބަރު 9 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ މައިގަނޑު މަޤްސަދެއް ކަމުގައިބުނެފައިވަނީ، ސައިބަރސްޕޭސްގައި ކުރާ ކުށްތައް ދިވެހިރާއްޖޭގައި އިތުރުވެފައިވާތީއާއި، އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ ޢަމަލުތައް ހިންގަމުންދާ ގޮތް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުޅާކުރަމުންދާތީ، ސައިބަރކްރައިމްއާއި އެނޫންވެސް ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެން ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެން ޤައުމުތަކާއެކު ޤާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށް ޓަކައި، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ކަމަށެވެ.

މި ބިލުގެ ދަށުން، އިލެކްޓްރޯނިކް ހެކި ހޯދުމާ ގުޅޭގޮތުންނާއި، ކޮމްޕިއުޓަރ ސިސްޓަމެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒަރވްކުރުމާއި، ޕްރިޒަރވްކޮށްފައިވާ ޓްރެފިކް ޑޭޓާ އަވަސް ގޮތެއްގައި ހާމަކުރުމާ ގުޅޭގޮތުންނާއި، ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާއަށް އެކްސެސްވުމާ ގުޅޭގޮތުން އިސްލާޙުގެނެސްފައިވެއެވެ.

މީގެއިތުރުން ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް ޓަކައި އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުންނާއި، ކޮންޓެންޓް ޑޭޓާ އިންޓަރސެޕްޓްކުރުމާ ގުޅޭގޮތުން ޤާނޫނީ އެހީތެރިކަން ބަދަލުކުރުމާގުޅޭ އުސޫލުތައް ކަނޑައަޅައި، ޤާނޫނުގެ އެބައިތަކަށް އިޞްލާޙު ގެނެސްފައިވެއެވެ.

އަދި ކޮމްޕިއުޓަރ ޑޭޓާއާ ގުޅޭ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭފަދަ ކުށަކާ ގުޅިގެން ހިންގާ ޖިނާއީ ތަޙްޤީޤުތަކާއި ޝަރީޢަތްތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ޓަކައި، 7/24 ނެޓްވަރކެއް ޤާއިމުކޮށް، އެ ނެޓްވަރކުން ފޯރުކޮށްދެވޭ އެހީތެރިކަމުގެ ތެރޭގައި ހިމެނޭނެ ކަންކަން މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، ޢަމަލުކުރަން ފަށައިފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS