ޚަބަރު
މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ރާއްޖެއަށް އައި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ
ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް ފަތުރުވެރިން އެއަރޕޯޓުގައި ފޮޓޯ: ވިޒިޓް މޯލްޑިވްސް
މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ރާއްޖެއަށް އައި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޕޯޓަކުން ދައްކައިފިއެވެ. އެމްއެމްއޭގެ ނޮވެމްބަރ މަހުގެ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ރާއްޖެއަށް 13،671 ބައިނަލްއަޤްވާމީ ފްލައިޓް ދަތުރުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 653 ފްލައިޓްގެ އިތުރުވުމެކެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޝެޑިއުލްކޮށްގެން އައި ފްލައިޓްތަކުގެ އަދަދުވެސް އިތުރުވެފައިވެއެވެ. މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު 12،565 ޝެޑިއުލް ފްލައިޓް ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 11،975 ފްލައިޓެވެ. މީގެ އިތުރުން، ޖެނެރަލް ފްލައިޓްސްގެ ގޮތުގައި މިއަހަރު 1،106 ފްލައިޓް ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރު އައީ 1،043 ފްލައިޓެވެ.
ފްލައިޓްތަކުގެ އަދަދު އިތުރުވުމާއެކު، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 1.8 މިލިއަން ފަތުރުވެރިންނެވެ.
މިއަހަރު ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މި އަމާޒު ހާސިލްކުރުމަށް އިތުރަށް ބޭނުންވަނީ 58،805 ފަތުރުވެރިންނެވެ. ފްލައިޓްތަކާއި ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭ ހިތްވަރެއް ކަމުގައި ފާހަގަކުރެވެއެވެ.