ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޗައިނާގައި ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ތިން ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފޯރަމްގެ އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވައި، ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާއި ޗައިނާ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ބޭއްވުނު ގްރޫޕް ބައްދަލުވުމުގައި ތަޤުރީރު ކުރައްވާފައެވެ. އަދި ފޯރަމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ޕޫލް (ޖީ.ޑީ.ޕީ.ޕީ)ގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވައި، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ސެންޓަރ ފޯ މެރިޓައިމް ކޯޕަރޭޝަން އެންޑް ޓްރެއިނިންގ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައިވެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗައިނާގެ އިސް ސިޔާސީ ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. މިގޮތުން، ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވްްޓޭޓިވް ކޮންފަރެންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން ވާންގް ޔޮންގް، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ގެ ޗެއާމަން ލުއޯ ޖާއޮހުއެއި އަދި ސީޕީޕީސީސީ ޔުނާން ސެންޓްރަލް ޕްރޮވިންސް ކޮމިޓީގެ ޗެއާމަން ލިއު ސިއާއޮކައި އާ ބައްދަލުކުރައްވާފައިވެއެވެ.