ސައިންސް
އަހަރެންގެ އެކްޒީމާ ހުންނަނީ ކިއްވެ؟
އިންޓާރނެޓް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މީހުން ތަހައްމަލް ކުރަމުންދާ އެކްޒީމާއަކީ ގައިގެ ހަންގަނޑު ހިކުމާއި، ކެހުމާއި، ފާރުލުމަށް މެދުވެރިވާ ހަމުގެ ބައްޔެކެވެ. ދުވަހަކަށްވުރެ ދުވަހެއް، ރާއްޖޭގައި އެކްޒެމާ ޖެހެމުންދާ ކުދިންގެ އަދަދު އިތުރުވަމުންދާއިރު، އެކްޒިމާ ހުރުމުގެ ޙަޤީޤީ ސަބަބަކީ ކޮބައިތޯ، މީ ކޮއްލުން ރަނގަޅު ސުވާލެކެވެ.
އެކްޒީމާއަކީ އޭގައި އެތައް ބާވަތެއް އެކުލެވޭ ބައްޔެކެވެ. މިގޮތުން އެޓޮޕިކް އެކްޒީމާ، ކޮންޓެކްޓް އެކްޒީމާ، ނުމިޔުލާރ އެކްޒީމާ، ސެބޮރެއިކް އެކްޒީމާ، މިހެން ގޮސް އެތައް ވައްތަރެއްގެ އެކްޒެމާ މީހެއްގެ ގައިގައި ހުރެދާނެއެވެ. މި ކޮންމެ ވައްތަރެއްގެ އެކްޒެމާއަކުން ވެސް، ތަފާތު އުނދަގޫތައް ކުރިމަތިކުރުވާ، ހަންގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިކޮށްލައެވެ.
އެކްޒިމާގެ ޢަލާމާތްތަކުގެ ތެރޭގައި ހަންގަނޑު ހިކުމާއި ހިރުވުން، އެކިވަރުވަރުގެ ފިއްގަނޑު ނެގުން، ހަންބޯވުން،އަދި އެކި ހިސާބުތަކުގައި ހަންގަނޑު ދުޅަވެފައި ހުރުން ހިމެނެއެވެ. އާންމުކޮށް މިފަދަ ޢަލާމާތްތައް ފެންނަން ހުންނަނީ، އަތުގަޔާއި، ފައިގަޔާއި، އުޅަނބޮށީގަޔާއި، ކުޑަހުޅުގަޔާއި، ކަކުލުގަޔާއި، ތުންފަތުގަޔާއި، ކަންފަތުގެ ފަހަތުގަޔާއި، މޫނުމަތީގައި (ޚާއްސަކޮށް ދެކޮލާއި ނިއްކުރީގައި)އެވެ.
އެކްޒެމާ ހުރުމަށް މަގުފަހިވާ އެންމެ ބޮޑު އެއްސަބަބަކީ، ދިފާޢީ ނިޒާމު ބަލިކަށިވުމެވެ. އެހެންކަމުން، ތުއްތުއިރު އެކްޒެމާ ހުންނަ ކުދިންގެ، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުދިންނަކީ، ހިދިބޮޑުވެ، ދިފާޢީ ނިޒާމު ވަރުގަދަވަމުން އަންނަވަރަކަށް ހަންގަނޑު ރަނގަޅުވަމުން އަންނަ ކުދިންނެވެ. އެކްޒެމާ ހުރުމަށް މަގުފަހިވާ އަނެއް ސަބަބަކީ ޑީ.އެން.އޭގައި އެކްޒެމާއަށް ކޯޑުކުރާ ޖީން އެކުލެވިގެންވުމެވެ. އާއިލާގެ އެހެންމީހެއްގެ ގައިގައި އެކްޒެމާ ހުންނަ ނަމަ، މި ޖީންގެ ޒަރިއްޔާއިން އެކްޒެމާ ވާރުތަކުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، ތިމާ ދިރިއުޅޭ ވެށީގައި، ހަންގަނޑު އެލާރޖިކުވާ މާއްދާއެއް ހުރުމަކީ ވެސް، އެކްޒެމާޖެހުމަށް މަގުފަހިވެދާނެ ސަބަބެކެވެ.
އެކްޒެމާ ހުންނަ މިންވަރު އިތުރުވެ، ހަންގަނޑު އިތުރަށް ހާލާކުވުމަށް މެދުވެރިވާ ސަބަބުތައް ވެސް މަދެއް ނޫނެވެ. މިގޮތުން، ފިނި ތަނެއްގައި ގިނަވަގުތު ހޭދަކުރާނަމަ، ނުވަތަ ގައިން ހިއްލާ ދާ ނުވަންނަ ފަދަ ފޮތިފޮތީގެ އަންނައުނު ގިނައިން ލާނަމަ، ހަންގަނޑު އިތުރަށް ގޯސްވުމަށް މަގުފަހިވެގެން ހިނގައިދާނެއެވެ. ހަމައެހެންމެ، ހަމާ ނުގުޅޭ ސައިބޯނި، ލޯޝަން، ސެންޓު، ނުވަތަ މޭކަޕް ބޭނުން ކުރުމުގެ އިތުރުން، ނަފްސާނީގޮތުން މީހާ ބަލިކަށިވެ، ސްޓްރެސް ނުވަތަ އެންޒައެޓީ ފަދަ ކަމެއް ތަޖުރިބާކުރަމުން ދިޔުމަކީ ވެސް ހަންގަނޑުން އެކަމުގެ އަސަރު ފެނުމަށް މަގުފަހިވެދާނެ ކަންކަމެވެ.