ޚަބަރު
ސްޓެލްކޯ ރިސާޗް ފައުންޑޭޝަން އިފްތިތާޙުކޮށްފި

ސްޓެލްކޯގެ ރިސާޗް ފައުންޑޭޝަން އިފްތިތާޙްކުރުން. ފޮޓޯ: ސްޓެލްކޯ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ)ގެ ރިސާޗް ފައުންޑޭޝަން އިފްތިތާޙުކޮށްފިއެވެ.
މި ރިސާޗް ފައުންޑޭޝަން އިފްތިތާޙުކޮށްދެއްވީ މިއަދު ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީއެވެ.
ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ މަޤްސަދަކީ ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ، އައު ހަރުފަތަކަށް ގެންދިއުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އެގޮތުން ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާރޓްސް އަދި މެތެމެޓިކްސް (STEAM) ދާއިރާތައް ކުރި އެރުވުމަށް އެންމެ ޒަމާނީ ދިރާސާތަކާއި، އަލަށް ތަޢާރަފްވަމުންދާ ޓެކްނޮލޮޖީ ހޯދުމާއިއެކު، އެއަށް އަހުލުވެރިވެ، ގައުމު ތަރައްޤީގެ މަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ހައްލުތައް ހޯދައިދިނުން ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މި ރިސާޗް ފައުންޑޭޝަންގެ އުމްމީދަކީ މި ފައުންޑޭޝަން މެދުވެރިކޮށް ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުން ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓް www.srf.mv ވެސް މިއަދު ވަނީ އިފްތިތާޙުކޮށްފައެވެ. ވެބްސައިޓް އިފްތިތާޙުކޮށްދެއްޗީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.
ސްޓެލްކޯ ރިސާރޗް ފައުންޑޭޝަން (އެސްއާރއެފް) އިފްތިތާޙު ކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތު ތަޢާރަފްކޮށް އަރުވާ ވާހަކަފުޅު ދައްކަވަމުން އެސް.އާރ.އެފްގެ ވައިސް ޗެއަރޕާރސަން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދަކީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީގެ އިސްނެންގެވުމާއި ސީދާ ބެއްލެވުމުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުންފުނީގެ ހަޔާތުގައި އަދި މަސައްކަތުގައި އިތުރު ހަރުފަތަކަށް ދިއުމަށް މަގު ކޮށިގެންދާ އުފާވެރި ދުވަހެއް ކަމަށެވެ.
އެގޮތުން ރިސާޗަކީ ސްޓެލްކޯއާއި ވަރަށް ބޮޑަށް ލާމެހިފައިވާ މަސައްކަތެއްކަމަށާއި، ކުންފުނިން ފޯރުވައިދޭ ހިދުމަތްތަކުގެ ގޮތުން އެ ހިދުމަތްތައް އެއް ހަރުފަތަކުން އަނެއް ހަރުފަތަށް ގެންދިއުމުގައި އިޖާދީ ބަދަލުތަކާއި، އަމިއްލަ އިސްނެންގެވުމުގެ ތެރެއިން ކުރެވޭ މަސައްކަތަށް ރިސާޗަކީ ވަރަށް މުހިއްމު ކޮންޕްނެންޓެއް ކަމަށް އަޒުވަރު ވިދާޅުވިއެވެ. އަދި މީގެ ފައިދާ ސްޓެލްކޯއަށާއި، މުޅި ގައުމަށްވެސް ލިބިގެންދާނެ ކަމަށް އަޒުވަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ރިސާޗް ފައުންޑޭޝަނެއް އުފައްދަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އެކި ދާއިރާތަކުން ކިޔަވައިގެންތިބި ތައުލީމީ ޒުވާނުން ކުންފުނީގައި ތިބުމާއި، ކުންފުންޏަކީ ރިސޯސްފުލް ކުންފުންޏަކަށްވެފައި، އެފަދަ މަސައްކަތެއް ކުރާނެ ޤާބިލްކަމާއި، ވަސީލަތެއް ސްޓެލްކޯގައި އެބަހުރި ކަމަށެވެ.
"މި ރިސާޗް ފައުންޑޭޝަން މެދުވެރިކޮށް މިޤައުމަށް، ޤައުމުގެ ކުރިއެރުމަށް މުސްތަޤުބަލަށް ކަންތައްތަކެއް ކޮށްދިނުން އެއީ މަޤްސަދަކީ” އެމްޑީ ޙުސެއިން ފަހުމީ ވިދާޅުވިއެވެ.
މީގެއިތުިރުން ފަހުމީ ވިދާޅުވީ ބޭނުންފުޅުވެލައްވަނީ ސްޓެލްކޯގެ މުވައްޒަފުން ލައްވައި ޤައުމަށް ޚިދުމަތްކޮށްދޭން ކަމަށެވެ. މިއީ ހަމައެކަނި ޖަލްސާއެއް ބާއްވައި ނިންމާލާ ރިސާޗް ފައުންޑޭޝަނަކަށް ވެގެން ނުވާނެކަމަށާއި، ވިސްނުމާއި ފިކުރުކުރުމުގެ ތެރެއިން ޤައުމަށް މިކަމުގެ ފައިދާ ކުރަންވާނެ ކަމަށެވެ.