ޚަބަރު
އެޗް.ޑީ.ސީގެ އެމްޑީއާއެކު ޑިރެކްޓަރުންގެ ބޯޑު މެންބަރުންތައް ސަސްޕެންޑްކޮށްފި
އެޗް.ޑީ.ސީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުންދާ ތަޙުޤީޤު ފުރިހަމަކޮށް ވަކިގޮތެއް އަންގަންދެން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ތެރެއިން، އެކުންފުނީގެ ޗެއާރމަން އަޙްމަދު ނާސިފް ފިޔަވައި، ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ސަސްޕެންޑުކޮށްފިއެވެ.
މި ކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. ސަސްޕެންޑްކޮށްފައިވަނީ މި ތަޙުޤީޤު ނިންމައި ބޯޑުން ވަކި ގޮތެއް އަންގަވަންދެން ކަމަށް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެެވެ.
މި މެންބަރުން ސަސްޕެންޑް ކުރުމުގެ މައިގަނޑު ސަބަބަކީ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސްއިން ކުރައަށްގެންދާ ތަޙުޤީޤަށް ފުރިހަމައަށް ޖާގަ ދިނުމުގެ ގޮތުންނެވެ. މި ތަޙުޤީޤު ކުރިއަށްދާއިރު، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޟުލް ރަޝީދު ވެސް މި ބޯޑުން ވަކި ގޮތެއް އަންގައްދެން ހުންނާނީ، އޮފީހަށް ނުނިކުމެވޭގޮތަށް ސަސްޕެންޝަނުގައި ކަމަށް، މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރެފައިވާ ނޫސްބަޔާނެއްގައި ހާމަކުރައްވާފައިވެއެވެ.