ޚަބަރު
އިޓަލީވިލާތުގެ ހޮހޮޅައެއްގައި މިދިޔަ އަހަރު ތާށިވި އަންހެނަކު، އަނެއްކާ ހަމަ އިހޮހޮޅަޔަށް ވެއްޓިއްޖެ
އަބިއްސޯ ބުއެނޯ ފޮންތޭނޯ ހޮހޮޅަ: ފޮޓޯ އިންޓާރނެޓް
އިޓަލީވިލާތުގެ ރައްޔިތެއް ކަމަށްވާ އޮއްތާވިޔާ ޕިއާނާ، ޑިސެމްބަރު 14ވަނަ ދުވަހު، އެ ޤައުއުމުގެ އަބިއްސޯ ބުއެނޯ ފޮންތޭނޯ ހޮހޮޅަ ވިއުގައަށް ޒިޔާރަތް ކުރުމުގެ ތެރޭގައި ވަނީ އަށް މީޓަރު އަޑިއަށް ވެއްޓިފައެވެ. އުމުރުން 32 އަހަރުގެ އޮތްތާވިޔާ ސަލާމަތްކޮށްފައި ވަނީ 75 ގަޑިއިރު މަސައްކަތްކުރުމަށް ފަހު ހޮހޮޅަޔަށް ވަންނަ މައި ދޮރާ ގާތްގަނޑަކަށް 4 ކިލޯމީޓަރު ދުރުގައި އޮއްވާއެވެ.
އޮތަތާވިޔާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވި މީހުން ބުނަނީ، ސަލާމަތް ކުރެވުނު އިރު އޮތްތާވިޔާ އޮތީ ވަރަށް ވަރުދެރަވެފައި ކަމަށާއި، ނަމަވެސް ހޭނެތިފައި ނޫންކަމަށެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ އިންތިހާ ވެން ތަޙައްމަލްކުރަމުން ދިޔަކަމަށާއި، މިހާރު އިޓަލީވިލާތުގެ ބެރުގަމޯގައި ހުންނަ ހަސްފަތާލެއްގައި ފަރުވާދެވެމުން ދާކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
އޮއްތާވިޔާ ސަލާމަތްކޮށްފައި ވަނީ ހީކުރި ވަރަށް ވުރެ އަވަހަށް ކަމަށެވެ. އެ ގޮތަށް އެ ކަން ދިމާވީ ޚާއްޞަ ޓީމުތަކަކުން ހޮހޮޅައިގައިވާ ހުރަސްތައް ގޮވާތަކެތި ބޭނުންކޮށްގެން ނައްތާލަމުން ގޮސްފައިވާތީ
ފަރުބަދަތަކުންނާއި ހޮހޮޅަތަކުން މީހުން ސަލާމަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ސީއެންއެސްއޭއެސްގެ މެންބަރު، ފެދެރިކޯ ކަތާނިޔާ ވިދާޅުވިއެވެ.
ހޮހޮޅަ ބަލަން ދިޔަ ސްޕީލިއޮލޮޖިސްޓު ވެސް ސަލާމަތް ވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ. އޭނާގެ ހިތްވަރު އޭނާ ދައްކައިލި. އަހަރުމެން ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ޞިއްޙީ ޙާލަތަށް ރިޢާޔަތްކޮށް އަރާމު ކުރަން ފުރުޞަތު ދިނުމަށް ދޭތެރެދޭތެރެއިން މަސައްކަތް މެދުކަނޑައިލަމުން. ނަމަވެސް އަހަރެމެން ފަހުން މަސައްކަތް ކުރިއަށް ގެންދިޔައީ މެދުކެނޑުމެއް ނެތި. އެއީ އޭނާގެ ވެސް ހިތްވަރުން
ކަތާނިޔާ ވިދާޅުވިއެވެ.
މިއީ ހޮހޮޅަތަކަށް ވަދެ އެ ތަންތަން ބެލުމުގައި ކުޅަދާނަ އަދި ތަޖުރިބާކާރު އޮއްތާވިޔާއަށް މި ފަދަ ހާދިޘާއެއް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. 2023ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް މިފަދަ ޙާލަތަކާ އޭނާ ކުރިމަތިލާން ޖެހުނެވެ. ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ހަމަ އެ ހޮހޮޅަ ވިއުގައިގައި އޭނާ ތާށިވުމުން އެ ފަހަރު އޭނާ ސަލާމަތްކޮށްފައި ވަނީ ގާތްގަނޑަކަށް 40 ގަޑިއިރު ފަހުންނެވެ. ނަމަވެސް، އާނމުންގެ ފާޑުކިޔުމަށް ރައްދުދެއްވަމުން ކަތާނިޔާ ވިދާޅުވީ ހާދިޘާ މެދުވެރިވީ އޮއްތާވިޔާގެ ފަރުވާކުޑަކަމުން ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް ކަތާނިޔާ ވިދާޅުވީ ހޮހޮޅަތައް ބަލަން ދިޔުމަށް ބޭނުންވާ ސާމާނާއި ހުނަރު އޮއްތާވިޔާގެ ކިބައިގައި ހުރި ކަމަށެވެ. އޭނާއަށް ހާދިޘާތައް ދިމާވީ ތަޖުރިބާ ނެތުމުގެ ސަބަބުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.