ކޮލަމް

ގުޅިގެން މަސައްކަތްކުރާނީ ކިހިނެއް؟

ގުޅިގެން މަސައްކަތްކުރާނީ ކިހިނެއް؟

ގުޅިގެން ފޮޓޯ؛ އިންޓާރނެޓް

21 ޑިސެމްބަރު 2024، 12:59

ގުޅިގެން މަސައްކަތްކުރުމަކީ އެކަކު އަނެކަކާ ގުޅިގެން، އެކަކު އަނެކެއްގެ އިޙްސާސްތަކާއި، ޖަޒުބާތުތަކާއި، ވިސްނުން ދެނެގަނެ، އެކުގައި ވަކި ޚާއްސަ ލަނޑުދަނޑިއަކަށް ވާސިލްވުމަށް ކުރެވޭ މަސައްކަތެވެ. 

އިންސާނުންނަކީ ދުވަހީ ދިރިއުޅުމުގައި އެކަކު އަނެކަކަށް ކޮންމެހެން ބަރޯސާ ވަންޖެހޭ ބަޔަކަށް ވީހިނދު، އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދެނެގަތުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް އަމިއްލަ ޒިންމާއެކެވެ. 

މިގޮތުން، ޢާއިލާގެ މެންބަރުންނާއި، ރަޙްމަތްތެރިންނާއި، ވަޒީފާގެ މައިދާނުގައި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއެކު ވެސް، އެކުގައި މަސައްކަތްކުރަން އެދޭނަމަ ހިފަހައްޓަންޖެހޭ މިންގަނޑުތަކަކާއި، އުސޫލަތަކެއް އެބުހުއްޓެވެ.

އެކުގައި މަސައްކަތްކޮތް އެންމެ ފޮނި ނަތީޖާއެއް ނެރެވޭނީ، އެއްވެސް ހުރަހެއް ނެތި މުޢާމަލާތް ކުރެވިގެންނެވެ. މުޢާމަލާތް ކުރުމުގައި ދަތިތަކެއް ހުރެއްޖެ ނަމަ، ޙާސިލްކުރަން އެދޭ ލަނޑުދަނޑިއަށް ވާސިލުވާން އުނދަގޫވެގެން ދާނެއެވެ. އޭގެ ބަދަލުގައި، އެކަކު އަނެކެއްގެ އިޙުސާސްތަކަށް އިޙްތިރާމްކޮށް، ހެޔޮގޮތުގައި މުޢާމަލާތްކުރުމަށް ކޮންމެ މީހަކު ވެސް މަސައްކަތްކުރުން މުހިންމެވެ.

މުޢާމަލާތް ކުރުމަކީ ހަމައެކަނި ޙިޔާލު ފާޅުކުރުމެއް ނޫނެވެ. ޙިޔާލު ފާޅުކުރުމުގެ އިތުރުން ޙީޔާލުތައް އަޑުއަހާ ބަޔަކަށް ވެގެން ނޫނީ، ހެޔޮގޮތުގައި މުޢާމަލާތެއް ނުކުރެވޭނެއެވެ. ޢާއިލާގެ މެންބަރުން ނުވަތަ ރަޙްމަތްތެރިން، އެފަރާތްތަކުގެ އިޙްސާސް ތަކާއި ޝުޢޫރުތައް އަޅުގަނޑުމެންނާ ހިއްސާކުރަނީ، ކިހާބޮޑު އިތުބާރެއް އަޅުގަނޑުމެނަށް ކުރާތީކަން ދެނެގަނެ، ފަރުވާތެރިކަމާއި އަޑުއެހުމަށް ސަމާލުކަންދޭށެވެ.

ހުރިހާކަމެއް އަޅުގަނޑުމެން އެންމެ ބެނުންވާގޮތަށް ނުވެ ހިނގައިދާނެއެވެ. އެފަދަ ޙާލަތްތަކުގައި ކެއްތެރިކަން އިސްކޮށް، ކަމެއް ކާމިޔާބުކުރަން އެދޭ ބަޔަކު ޤުރުބާނީތަކެއް ވާންޖެހޭނެކަން އަމިއްލަ ނަސްފަށް ވިސްނައިދިނުން މުހިންމެވެ. ކެއްތެރިކަމާއެކު ކުރިމަތިލާންޖެހޭ އަނދަވަޅުތައް ގިރާކޮއްގެން މެނުވީ ހެޔޮގޮތުގައި ގުޅިގެން މަސައްކަތެއް ނުކުރެވޭނެއެވެ. 

މައްސަލަތައް ހައްލުކުރުމުގައި، ކުއްވެރިއަކީ ކާކުކަން ހޯދުމަށް ފޫގަޅައިލުމުގެ ބަދަލުގައި މައްސަލައިގެ ހައްލަށް ސަމާލުކަންދިނުމަކީ ގުޅުންތައް ހެޔޮގޮތުގައި ދެމެހެއްޓޭނެ ހަމައެކަނި ގޮތެވެ. މައްސަލަތަކުގައި، އެކަކު އަނެކަކަށް އިނގިލި ދިއްކުރަން ފަށައިފި ނަމަ، އެއްމައްސަލައިގެ ތެރެއިން އަނެއް މައްސަލަ އުފަންވެ، ޙާސިލްކުރަން އެދޭ ލަނޑުދަނޑިއާ ދިމާއަށް ކުރަމުންދާ ދަތުރުގެ މިސްރާބު ގެއްލިގެންދާނެއެވެ. 

އެހެންކަމުން. ހެޔޮގޮތުގައި ގުޅިގެން މަސައްކަތްކުރުމަށް، އެންމެންގެ މަޤްސަދަކީ ވެސް އެއް މަޤްސަދެއްކަން ހަނދާނުގައި ބަހައްޓާ، އެ މަޤްސަދު ޙާސިލްކުރުމަށް ގަދައަޅާ މަސައްކަތްކުރުމަކީ، ބަޔަކާއެކު މަސައްކަތްކުރާ ހަމަ ކޮންމެ މީހެއްގެވެސް ފަރުދީ ވާޖިބެކެވެ. 

މި ލިޔުން ކިޔާލުމުން