ޚަބަރު
ސީލައިފަށް ފައިސާ ދެއްކި ކަމުގެ ފޭކް ލިޔުން ހަދައިގެން ވިނަރެސްގެ ބާކީ ފްލެޓްތައް ދިންކަން ހާމަވެއްޖެ

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓް ފޮޓޯ: ފައިނޭންޝަލް ރިވިއު
މާލޭގައި ހިންގި ސީލައިފް ފްލެޓް މަޝްރޫޢުގެ ދަށުން ފައިސާ ދައްކާފައިވާ މީހުންނަށް ފްލެޓް ދިނުމަށް ހެދި ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން ވިނަރެސް ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ބޭރުން އެތައް ބަޔަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފްލެޓް ވިއްކާފައިވާކަން ހާމަވެއްޖެއެވެ.
ވިނަރެސް މަޝްރޫޢުގެ ދަށުން ތަރައްޤީކުރި 13 ބުރީގެ 10 ޓަވަރުގައި ހިމެނޭ 1،344 ފްލެޓްގެ ތެރެއިން ކުރީގެ ސަރުކާރުގެ ދައުރު ހަމަވިއިރު ބާކީ ދޫނުކުރެވި ގާތްގަނޑަކަށް 400 އެއްހާ ފްލެޓް ހުރިއިރު، މި ސަރުކާރު އައި ފަހުން އެ ފްލެޓްތައް ދޫކުރަން އެޗްޑީސީން އިޢުލާނެއް ކުރުމަށް ފަހު އެ އިޢުލާން ބާޠިލްކުރިއެވެ.
ސީލައިފްގެ ލިސްޓުގައި ނެތް މީހުން އެ ލިސްޓަށް އިތުރުކޮށްފައިވަނީ އެއީ ސީލައިފުން ފްލެޓް ގަންނަން ފައިސާ ދެއްކި މީހުން ކަމުގެ ދޮގު ލިޔުންތައް ހަދައި ހުށަހަޅައިގެންނެވެ.ސީލައިފްގެ ލިސްޓުގައި ހިމެނުނު ބައެއް މީހުންނަށް ބޭންކުން ލޯނު ހަމަނުޖެހި ފައިސާ ދެއްކޭނެ ގޮތެއް ނުވުމުން އެ މީހުން ލިސްޓުން އުނިކުރުމަށް ފަހު، ފޭކް ލިޔުންތަކާ އެކު އެހެން ބަޔަކު އެ ސްލޮޓްތަކަށް އިތުރުކުރަނީ އެވެ. މީގެ ސައްހަ ނޫން ބައެއް ލިޔުންތައް ކޯޓަށް ހުށަހަޅައިގެން ހުކުމްތައް ނެރެފައިވެ އެވެ.
މި މައްސަލައިގައި އެޗްޑީސީގެ ކުރީގެ ޗެއަރމަން އަޙްމަދު ޒުހޫރު އަދި އިދިކޮޅު އެމްޑީޕީން ވެސް ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެގޮތުން، ވިނަރެސް ފްލެޓް ލިބުނީ ފައިސާ ދޭ މީހުންނަށް ކަމަށް ޒުހޫރު ތުހުމަތުކުރައްވާފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ސަސްޕެންޑްކޮށްފައިވާ ފަޟުލް ރަޝީދު ވިދާޅުވެފައިވަނީ ސީލައިފްގެ 376 މީހެއްގެ މައްސަލަ އުޅޭ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންނަށް ވިނަރެސް ފްލެޓް ހަމަޖައްސައިދީފައިވާ ކަމަށެވެ.
ވިނަރެސް ފްލެޓްތައް ދޫކުރުމުގައި ޝައްކުތަކެއް އުފެދިފައިވާއިރު، މި ސަރުކާރުގައި އިޢުލާން ނުކޮށް ދޫކުރި ވިނަރެސް ފްލެޓްތަކުގެ އަދަދާއި އޭގެ ތަފްސީލު އެޗްޑީސީން ހާމައެއް ނުކުރެއެވެ. މި މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބޭއްވި އަޑުއެހުމުގައި އެޗްޑީސީން ބުނެފައިވަނީ ވިނަރެސް ފްލެޓްތައް ދޫކުރީ ސަރުކާރުން ސެޓުލްމަންޓް އެގްރިމެންޓް ހަދާފައިވާ މީހުންނަށް ކަމަށެވެ. ނަމަވެސް، ފްލެޓްތައް ދޫކުރި މީހުންގެ ވަނަވަރަކީ ޒާތީ މައުލޫމާތެއް ކަމަށާއި އެފަދަ މައުލޫމާތު އާންމު ކުރުމަކީ އެޗްޑީސީން އަމަލުކުރާ ގޮތެއް ނޫން ކަމަށް ވަނީ ބުނެފައެވެ.