Ads by Exprox

ޚަބަރު

ރާއްޖޭގައި ޑިޖިޓަލައިޒޭޝަންގެ ދައުރަކީ ރައްޔިތުންގެ އާންމު ދިރިއުޅުން ފަސޭހަވެގެންދިޔުން: ރައީސް މުޢިއްޒު

ރާއްޖޭގައި ޑިޖިޓަލައިޒޭޝަންގެ ދައުރަކީ ރައްޔިތުންގެ އާންމު ދިރިއުޅުން ފަސޭހަވެގެންދިޔުން: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2024، 09:39

09 ސެޕްޓެމްބަރު 2024، 09:39

ރާއްޖޭގައި ޑިޖިޓަލައިޒޭޝަންގެ ދައުރަކީ ރައްޔިތުންގެ އާންމު ދިރިއުޅުން ފަސޭހަވެގެން ދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ "ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް: އަ ވިޝަން ފޯ  އޭން އިންޓެލިޖެންސް ޑްރިވަން ފިއުޗަރ ފޯ މޯލްޑިވްސް" ގައި ދެއްކެވި ވާހަކަފުޅުގައެވެ.

 މި ހަރަކާތް ކުރިއަށްދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ ކޮންފަރެންސް ހޯލްގައެވެ.

ރައީސްގެ ވާހަކަފުުޅުގައި ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ޙައްސާސް ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމުގައި ރާއްޖެއިން ދައްކާފައިވާ މިސާލަށް ބައްލަވާލައްވާފައެވެ. އަދި، އެއީ އީޖާދީ ވިސްނުންތަކަށް ރާއްޖެ އަހުލުވެރިވެފައިވާ މިންވަރުގެ ސަބަބުން ލިބިފައިވާ ކުރިއެރުމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ހަމައެއާއެކު ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް މެނޭޖްކުރުމުން ފެށިގެން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގައި ޑިޖިޓަލައިޒޭޝަންގެ ދައުރު ވަރަށްވެސް ފުޅާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ޑިޖިޓަލައިޒޭޝަންގެ ދައުރަކީ ހަމައެކަނި އިޤްތިޞާދީ ފައިދާ ހޯދުން ނޫންކަމަށާއި އޭގެތެރޭގައި ރައްޔިތުންގެ އާންމު ދިރިއުޅުން ފަސޭހަވެގެންދިޔުންވެސް ހިމެނޭ ކަމަށެވެ. 

އަދި، ރައްޔިތުން އެފަދަ މާޙައުލަކަށް ބާރުވެރިކުރުވާ، އޭގެ ސަބަބުން، ކުރިމަގުގައި ޑިޖިޓަލް ސެކްޓަރުގައި ހަރަކާތްތެރިވާ ކްރިއޭޓަރުންނާއި އިނޮވޭޓަރުން އުފެއްދޭނެ މާޙައުލެއް ޤާއިމްވެގެންދިޔުމަކީވެސް ޑިޖިޓަލައިޒޭޝަންގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ރައީސް ފާހަގަކުރެއްވެވިއެވެ.

މީގެއިތުރުން ޑިޖިޓަލް މޯލްޑިވްސް ފަދަ ޕްރޮގްރާމްތަކުގެ ޒަރީއާއިން، ޒުވާނުންނަށް ބޭނުންވާ އެކި ހުނަރު ދަސްކޮށްދީ، ޑިޖިޓަލް އިޤްތިޞާދެއްގައި ކާމިޔާބީ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށާއި ފަރަގުކުރުމެއްނެތި، ހަމަ މި ފުރުޞަތުތައް ކަނބަލުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުދާކަމުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco