ސައިންސް
އިންސާނުންގެ އެންމެ ބޮޑު ގުނަވަނާއި އޭގެ ދިފާޢީ ބާރު
ހަންގަނޑު ފޮޓޯ؛ އިންޓާރނެޓް
އިންސާނާގެ އެންމެ ބޮޑު ގުނަވަންކަމުގައި ޑަކްޓަރީ ޢިލްމުގެ މާހިރުން ކަނޑައަޅުއްވާފައި ވަނީ އިންސާނާގެ ހަންގަނޑެވެ. ހަމުން، އިންސާނާގެ އެތެރަހަށީގެ ގޮތުގައި ހިމެނޭ ކައްޓާއި، މަހާއި، ނާރުތަކާއި، ހިތާއި ސިކުނޑިއާއި ފުއްޕާމޭ ފަދަ ގުނަވަންތައް ރައްކާތެރިކޮއްދެއެވެ.
ހަންގަނޑަކީ އޭގައި އަމިއްލަ ދިފާޢީ ނިޒާމެއް އެކުލެވިގެންވާ ޤުދުރަތުގެ އަޖާއިބެކެވެ. އިންސާނާގެ ހަންގަނޑަށް ނަޒަރު ހިންގާލައިފި ނަމަ، ފެނިގެންދާނީ އިންސާނާގެ ހަންގަނޑު އެކުލެވިފައި ވަނީ ތަފާތު ގިނަ ފަށަލަތަކެއްގެ މައްޗަށްކަމެވެ. ހަމައެހެންމެ، އެތެރެހަށީގެ އެންމެ ނާޒުކު ގުނަވަންތައް ހުންނަ ހިސާބުތަކުގައްޔާއި، ކަށިމަދު ހިސާބުތަކުގައި ހަންގަނޑު ވަކިން ބޯކޮށް ހުންނަ މަންޒަރަވެ. މި ކަމުގެ ޙިކްމަތަކީ ވެސް ހަމުގެ މައިގަނޑު ޒިންމާކަމުގައިވާ އެތެރެހަށި ރައްކާތެރިކުރުމެވެ.
ހަމުން ލިއްބައިދޭ އެހީ ތަކުގެ ތެރެގައި، ހަށިގަނޑުން ފެންމަދުވިޔަ ނުދީ ހިފަހައްޓައިދިނުމާއި، ހަށިގަނޑުގެ ފިނިހޫނުމިން އެއްހަމައެއްގައި ހިފަހައްޓައިދިނުމާއި، އިޙުސާސްކުރުމުގެ ޙިއްސު ފޯރުކޮށްދިނުން ހިމެނެއެވެ. ހަމައެހެންމެ، ތަފާތު ބާވަތްތަކުގެ ޖަރާސީމު ހަށިގަނޑަށް ވަންނަ މިންވަރު އެތައް ގުނައެއް ކުޑަކޮށްދީ، ބަލިތަކުން ހަށިގަނޑު ދިފާޢުކޮށްދޭ ވެސް މެއެވެ.
ހަމުގައި މައިގަނޑުގޮތެއްގައި އެކުލެވެނީ 3 ފަށަލައެކެވެ. އެއީ އެޕިޑާރމިސް، ޑާރމިސް، އަދި ހައިޕޮޑަރމިސް ފަށަލައެކެވެ.
އެޕިޑަރމިސް
މިއީ އަތްލެވޭ ގޮތަށް ހުންނަ، ހަމުގެ އެންމެ ބޭރު ފަށަލައެވެ.
- ފެން ނުވަންނަ ފަށަލައެއް ކަމުން ހަށިގަނޑަށް ބޭނުން ނުވާ މާއްދާތައް ހަށިގަނޑަށް ވަނަނުދީ ރައްކާތެރިކޮށްދިނުން
- މެލަނިންގެ އެހީގައި ހަމުގެކުލަ ހިފެހެއްޓުން
- ހަމުގައި އެކުލެވޭ ސެލްތައް ރައްކާތެރިކޮށްދިނުން
ޑަރމިސް
މިއީ ހަމުގެ މެދުފަށަލައެވެ.
- ކޮލާޖެންއާއި، އިލާސްޓިންފަދަ މާއްދާތަކުގެ އެހީގައި ހަންގަނޑުގެ ދެމުމާއި ބައްޓަން ކޮންޓްރޯލްކޮށްދިނުން
- ހަންގަނޑުގެ ފިނިހޫނުމިން އެއްހަމައެއްގައި ހިފަހައްޓައިދިނުން
- ހަނގަނޑަށް އޮފުކަމާއި ވިދުން ގެނެސްދިނުން
- ހަންގަނޑަށް ބެނުންވާ ތެޔޮ އުފައްދައިދިނުން
- އިސްތަށި ފެޅުވުން
ހައިޕޮޑަރމިސް
މިއީ ހަމުގެ އެންމެ އެތެރެ ފަށަލައެވެ. މިފަށަލައަށް ފަލައިގެ ފަށަލައޭ ވެސް ކިޔާއުޅެއެވެ.
- ހަށިގަނޑުގެ ފިނިހޫނުމިން އެއްހަމައެއްގައި ހިފަހައްޓައިދިނުން
- ހަކަތަ ރައްކާކުރުން
- އެތެރެ ހަށީގެ ގުނަވަންތައް ރައްކާތެރިކުރުން
- މަހާއި، ކަށީގެ ބައިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުން