ޚަބަރު
އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ހެޑްގެ މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާ ހަވާލުކޮށްފި

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ފޮޓޯ:ދި ޕްރެސް
ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާ ހަވާލުކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޝިފާން ވިދާޅުވިގޮތުގައި، މި ބަދަލު ގެނެވުނީ މިހާރު ކުރިއަށްދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަޙުޤީޤުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށާއި، އެ ތަޙުޤީޤަށް އެއްވެސް ނޭދެވޭ އަސަރެއް ނުފޯރާނެކަން ކަށަވަރުކުރުމަށްޓަކައެވެ. އަދި މި ނިންމުމަކީ އެސްޕީ ރަޖުނީ ޝުއައިބާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ބަލަމުންދާ މައްސަލައެއްގައި، މިހާތަނަށް އެއްވެސް ނުރަނގަޅު ޢަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫންކަމަށްވެސް ޝިފާން ހާމަކުރެއްވިއެވެެއްވިއެވެ.
ފާއިތުވި ދުވަސްތަކުގައި، ވިނަރެސް ޓަވަރުތަކުގެ އެޕާޓްމަންޓެއް ހޯދިގޮތާމެދު ޝުޢައިބުގެ މައްޗަށް ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. މިކަމާ ގުޅިގެން ކުރިން ޝިފާން ވިދާޅުވެފައިވަނީ، ރަޖުނީ ޝުޢައިބާ ގުޅޭގޮތުން އާންމުކުރަމުންދާ ތުހުމަތުތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން، ފުލުހުންގެ ޚިދުމަތުން އިތުރު މަޢުލޫމާތު ހާމަކުރާނެކަމަށް ބެލެވެއެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ގޮތާއި، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހިންގުމަށް އަންނަ ބަދަލުތަކާ ގުޅޭ އިތުރު ތަފްޞީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރެވިދާނެއެވެ.