Ads by Exprox

ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގައި އިމާރާތްއެޅޭނީ ހަ ބުރިއަށް!

ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރި ގޯތިތަކުގައި އިމާރާތްއެޅޭނީ ހަ ބުރިއަށް!

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯއްޗެއްގެ ރަޖިސްޓަރީ. ފޮޓޯ:ދަޕްރެސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2024، 09:38

09 ސެޕްޓެމްބަރު 2024، 09:38

ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭނީ ހަ ބުރިއަށް ކަމަށް ކަނޑައަޅައިފިއެވެ. 

ހުޅުމާލެ ޑިވަލޮޕްމެންޓް ކޯޕަރޭޝަނުން އާންމުކުރި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްލޭނިން އަދި އިމާރާތް ކުރުމުގެ އުސޫލުގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައި ހުރި ގޯތިތަކާއި ހުޅުމާލެއިން ވިއްކާފައި ހުރި ގޯތިތައް އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރަށް ކަމަށާއި އަދި އެންމެ އުސްވެގެން އިމާރާތް ކުރެވޭނީ ހަ ބުރިއަށް ކަމަށެވެ.

އޭގެ އިތުރުން 16.5 މީޓަރަށް ވުރެ އިމާރާތް އުސް ވާނަމަ ލިފްޓް ހަރުކުރަން ޖެހޭނެ ކަމަށާއި އަދި ހަ ވަނަ ފްލޯގެ މައްޗަށް ޓެރަހެއް ލާނަމަ ވެސް 18.5 މީޓަރަށް ވުރެ އުސް ވެގެން ނުވާނެ ކަމަށް އެޗްޑީސީ އިން ހާމަކުރި އުސޫލުގައި ބުނެފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިތައް ދޫކުރުމަށް ފަހު ކުރީ ސަރުކާރުން ފުރަތަމަ އާންމު ކުރި އުސޫލުގައި ވެސް އޮތީ ހަ ބުރިއަށް ނެގޭ ގޮތަށެވެ. އެހެން ނަމަވެސް އޭގެ ފަހުން އެޗްޑީސީގެ ބޯޑުން އެނިންމުން ބަދަލުކޮށް އެބިންތަކުގައި 10 ބުރިއަށް އިމާރާތް ނެގޭ ގޮތަށް އެ އުސޫލު ބަދަލުކުރިއެވެ.

ނަމަވެސް އޭރު އާންމު ކޮށްފައިވާ "ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތައް އިމާރާތް ކުރުމާ ބެހޭ އުސޫލު" މިހާރު ވަނީ ވެބްސައިޓުން ނަގާފައި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1،000 އެއްހާ މީހުންނަށް ގޯތި ލިބިފައިވާއިރު މިހާރު ގާތްގަނޑަކަށް އެންމެންނަށް ވަނީ ގޯތިތައް ހަވާލުކޮށް ރަޖިސްޓްރީ ކޮށްދީފަ އެވެ. ނަމަވެސް މިހާތަނަށް އައިއިރު އެއްވެސް ބަޔަކު ގޯތި އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފައެއް ނުވެއެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by Stelco