ޚަބަރު
އެޗްޑީއެފްސީގެ ބޯޑަށް، ކުރީގެ މާލީ ވަޒީރު
ޑރ. މުޙައްމަދު ޝަފީޤު ފޮޓޯ: އިންޓާރނެޓް
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑަށް، ކުރީގެ މާލީ ވަޒީރުކަމުގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ޝަފީޤު އައްޔަންކުރައްވައިފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުން އައްޔަންކުރައްވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ވެބްސައިޓުން ދައްކާގޮތުގައި، ޑރ. ޝަފީޤު ވަނީ މިމަހުގެ ދެވަނަ ދުވަހު، އެޗްޑީއެފްސީގެ ބޯޑު މެންބަރެއްގެ ގޮތުގައި އައްޔަންކުރައްވާފައެވެ.
ޑރ. ޝަފީޤު، މި ސަރުކާރުގެ ފުރަތަމަ މާލީ ވަޒީރުކަމުގެ މަޤާމާ ކުރިމަތިލުމުގެ ކުރިން، އޭނާ ވަނީ، އެޗްޑީއެފްސީގެ ފައިނޭންސް ހެޑްގެ މަޤާމު އަދާކުރައްވާފައެވެ. 17 ނޮވެމްބަރު 2023ގައި އޭނާ މާލީ ވަޒީރުކަމުގެ މަޤާމަށް އައްޔަންކުރެވިފައި ވާއިރު، 30 ސެޕްޓެމްބަރ 2024ގައި އޭނާ ވަނީ އެ މަޤާމުން އިސްތިއުފާދެއްވާފައެވެ.
އެޗްޑީއެފްސީއަކީ ގެދޮރު ގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް 2004 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ގަރާރެއްގެ ދަށުން، އުފެއްދި މި ކުންފުނި، ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 އިންސައްތަ ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރުއެވެ.