ސައިންސް

ގިނައިރު އިށީނދެ އިނުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާކަމެއް

ގިނައިރު އިށީނދެ އިނުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާކަމެއް

އިށީނދެ އިނުން ފޮޓޯ؛ އިންޓާރނެޓް

22 ޑިސެމްބަރު 2024، 12:07

ސިއްޙީ މާހިރުން އިއްތިފާޤުވާގޮތުގައި، ދުވަހުގެ ގިނަ ވަގުތުތަކުގައި އިށީނދެއިނުމަކީ، ނުވަތަ ހަރަކާތްތެރިވުން މަދުވުމަކީ، ސިއްޙީ އެތައް ގެއްލުންތަކެއް އެކަމުގައި ހިމެނިގެންދާ ކަމެކެވެ. އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާއާއި، ކަސްރަތާއި، ވިޓަމިން ނުލިބިއްޖެ ނަމަ، އިންސާނާގެ ހަށިގަނޑުގެ ބާރުދެރަވެ، ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށް ހަކަތަ ނުހުރުމަކީ އެކަށީގެންވާކަމަކެވެ. 

ދިރާސާތައް ހެކިދޭގޮތުގައި ގިނަ މީހުންނަކީ، ވަޒީފާގެ ސަބަބުން ނުވަތަ އެހެނިހެން ސަބަބުތަކާހުރެ، ދުވާލަކު ގާތްގަނޑަކަށް ދިހަގަޑިއިރު އިށީނދެ ތިބޭ މީހުންނެވެ. އެހެންކަމުން، ހެލިފެލިވެ އުޅުމުގެ މުހިންމުކަން ދެނެގަތުމަކީ މިއަދު، އެވާހަކައެއް ތަކުރާރުކޮށް ހަނދާންކޮށްދިނުން މުހިންމު ވާހަކައެއްކަން ގައިމެވެ.

ޔޫކޭގެ މަޝްހޫރު ކަރޑިއެކް އެލެކްޓްރޯފިޒިއޮލޮޖިސްޓް، ޑރ.ޝާން ކުރްޝިދު، އެނާގެ ގިނަގުނަ ދިރާސާތަކަކަށް އަލިއަޅުވައިލަމުން ވިދާޅުވަނީ، ދުވާލަކު 10 ގަޑިއިރު އިށީނދެގެން ތިބޭ މީހުންގެ ތެރެއިން، ދުވާލެއްގެ މައްޗަށް 150 މިނޭޓު ކަސްރަތުކުރާ މީހުންގެ ވެސް، ހިތުގެބަލިޖެހުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ. އިށީނދެ އިންނަ 10 ގަޑިއިރުން ލިބޭ ގެއްލުން ފޫބެއްދުމަށް ކަސްރަތުކުރުމަކީ ހިތުގެ ބަލި ޖެހުމުގެ ފުރުސަތުތައް ބޮޑުތަނުން ކުޑަކޮށްދޭކަމެއް ނޫންކަމަށާއި، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ޓަކައި އިށީނދެ އިންނަމިންވަރު ކުޑަކުރަންޖެހޭ ކަމަށް ވެސް ޑރ. ކުރްޝިދު ވިދާޅުވެފައިވެއެވެ.

ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މަޔޮކަރޑީއަލް އިންފަރކްޝަން ނުވަތަ ހާރޓްއެޓޭކުގެ ކޭސްތަކާބެހޭގޮތުން ޑރ. ކުރްޝިދު ވިދާޅުވަނީ، ހިތުގެ ބަލިތަކަށް މަގުފަހިވުމުގެ ހިރާސް، 6ގަޑިއިރާއި 10ގަޑިއިރާއި ދެމެދުގެ ވަގުތަކަށް އިށީނދެ ނުވަތަ އޮށޯވެ ތިބޭމީހުންނަށް އޮންނަ ކަމަށެވެ. ވީހާވެސް ގިނަ މީހުން މިފަދަ ދިގުމިނަކަށް އިށީނދެ ނުތިބޭނެ ގޮތެއް ހޯދަންޖެހިފައިވާކަންވެސް ޑރ. ކުރްޝިދު ފާހަގަކުރައްވާފައިވެއެވެ. 

އޮފީހުގައި ގިނަވަގުތު އިށީނދެ އިންނަންޖެހޭ ނަމަ، ކޮންމެ ބައިގަޑިއިރަކުން ބައިގަޑިއިރަކުން ތެދުވެލާ، ކުޑަކުޑަކޮށް ހިނގައިލާ، މޯޅިއަކަށް ދެމިލުންފަދަ ކުދިކުދި ކަންކަމުން، މި ކެޓަގަރީގެ މީހުންގެތެރޭގައި ނުހިމެނި ތިބެވިދާނެއެވެ. އިންތަނުން ނުތެދުވެ 8ގަޑިއިރުގެ ޝިފްޓެއް ނިންމާލުމުގެ ބަދަލުގައި، ހިތުގެ ސިއްޙަތު ދެމެހެއްޓުމަށް ޓަކައި ހަރަކާތްތެރި ވުމަށް މިފެށޭ 2025 ވަނަ އަހަރަށް އާދަކޮއްލަމާ ހިނގާށެވެ!

މި ލިޔުން ކިޔާލުމުން