ކުޅިވަރު
ރާއްޖޭގައި ބޭއްވި އޭޓީއެފް ޖޫނިއަރ ދެ މުބާރާތް ވެސް އާރާ ކާމިޔާބު ކޮށްފި

އާރާ ވަނީ އޭޓީއެފްގެ ދެ މުބާރާތް ކާމިޔާބުކޮށްފައި--- ފޮޓޯ: ޓީއޭއެމް

ފަރުދުން
22 ޑިސެމްބަރު 2024، 09:44
22 ޑިސެމްބަރު 2024، 09:44
ހުލާސާ
ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ބައިނަލްއަގްވާމީ ޓެނިސް މުބާރާތްތަކަށްވި، އޭޓީއެފްގެ ޖޫނިއާ ދެ މުބާރާތް ކަމަށްވާ އޭޓީއެފް މޯލްޑިވްސް އޯޕަން އާއި އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން (16 އަހަރުން ދަށުގެ ދެ މުބާރާތް) ގައި އެންމެ ވިދުން ގަދަކޮށް ފެނުނީ ވެސް އާރާ.
މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މާލޭގައި ކުރިޔަށް ގޮސްފައިވާ އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް)ގެ ޖޫނިއަރ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، މިދިޔަ އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި، ރާއްޖޭގެ ގައުމީ ޓެނިސް ކުޅުންތެރިޔާ، އާރާ އާސާލް އާޒިމް ތާރީހުން ޖާގަ ހޯދައިފިއެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ބައިނަލްއަގްވާމީ ޓެނިސް މުބާރާތްތަކަށްވި، އޭޓީއެފްގެ ޖޫނިއާ ދެ މުބާރާތް ކަމަށްވާ އޭޓީއެފް މޯލްޑިވްސް އޯޕަން އާއި އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން (16 އަހަރުން ދަށުގެ ދެ މުބާރާތް) ގައި އެންމެ ވިދުން ގަދަކޮށް ފެނުނީ ވެސް އާރާއެވެ. އަދި މިއީ މި ލެވެލްގެ މުބާރާތެއްގެ ދިވެހި ކުޅުންތެރިއަކު ހޯދާފައިވާ އެންމެ ރަގަޅު ނަތީޖާ ވެސް މެއެވެ.
ރާއްޖޭގެ އިތުރުން ކަޒަކިސްތާން، ޗައިނާ، އިންޑިއާ، އިންގްލެންޑް އަދި ބްރެޒިލްގެ ކުޅުންތެރިން ވަނީ މި މުބާރާތްތަކުގައި ފެނިގެން ގޮސްފައެވެ. އާރާ ވަނީ މި ދެ މުބާރާތުގައި ވެސް އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފައެވެ.
އެގޮތުން ފުރަތަމަ ފައިނަލުގައި ރާއްޖޭގެ ނަޔާރާ އުސާމާ އަލީއާ ބަލިކުރީ 6-0، 6-4 އިންނެވެ. އަދި ދެވަނަ މުބާރާތުގެ ފައިނަލުގައި ހޮނިހިރު ދުވަހުގެ ހެނދުނު ކުޅުނު މެޗުން އާރާ ވަނީ، ހޮންގް ކޮންގްގެ ހުއި ލަމް އެލާ ވޯންގް ބަލިކޮށްފައެވެ. އާރާ މި މެޗުގެ ސެޓުތައް ގެންދިޔައީ، 6-2، 6-3 އިންނެވެ.
ޑަބަލްސް މުބާރާތްތަކުގެ ކާމިޔާބަސް ބަލާލާއިރު، އާރާ ވަނީ އޭޓީއެފްގެ ފުރަތަމަ މުބާރާތުގެ ޑަބަލްސް ބައިން ޗެމްޕިއަންކަން ހޯދައިފައެވެ. ފައިނަލުގައި އާރާ އާއި ނަޔާރާގެ ޕެއާ އިން ނިކުތީ، ރާއްޖޭގެ އައިޝަތު ކެރީން ސައިޒާން އާއި ހޮންގް ކޮންގްގެ ހިއު ލަމް އެލާ ވޮންގްގެ ޕެއާއާ ދެކޮޅަށެވެ. އަދި އާރާ އާއި ނަޔާރާގެ ޕެއާ އިން މި މެޗުގެ ސެޓުތައް ގެންދިޔައީ، 6-3، 6-4 އިންނެވެ.
އޭޓީއެފް ދެ ވަނަ މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ކެރީން އާއި ކަޒަކްސްތާންގެ އަރްޒާން ބަޔަލީނާގެ ޕެއާ އިންނެވެ. އަދި ފައިނަލުގައި ރާއްޖޭގެ އައިޝަތު ލިވިއާ ކަތީރު އާއި ނީމް އަހުމަދު ސަލީމްގެ ޕެއާ ބަލިކޮށްފައިވަނީ 6-1، 6-2 އިންނެވެ.