Ads by Exprox

ޚަބަރު

މޯލްޑިވިއަން ވައިޑް ބޮޑީގެ ދަތުރުތައް ފަށަނީ

މޯލްޑިވިއަން ވައިޑް ބޮޑީގެ ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ އުޅަނދެއް؛ ފޮޓޯ

23 ޑިސެމްބަރު 2024، 09:56

މޯލްޑިވިއަންގެ އުދުހުންތައް ފުޅާކުރުމަށް، އެ އެއަރލައިނަށް  އަލަށް ގެންނަ ވައިޑް ބޮޑީ ވައިގެ އުޅަނދުގެ ދަތުރުތައް ފުރަތަމަ ޗައިނާގެ 3 އަވަށަކަށް ކުރުމަށް މޯލްޑިވިއަނުން ކަނޑައަޅުއްވައިފިއެވެ.

މި ނިންމުން ނިންމަވާފައި ވަނީ ސަރުކާރުގެ މުހިންމު ވަޢުދެއްކަމަށްވާ ވައިޑް ބޮޑީ ވައިގެ އުޅަނދު ބޭނުންކޮށްގެން މޯލްޑިވިއަން ކުންފުޏަށް ކުރިއެރުން ހޯދައިދިނުމުގެ މަޝްރޫޢުގެ ތެރެއިންނެވެ. މި ވައިގެ އުޅަނދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެ އުޅަނދު މިވަގުތު އޮތީ ސިންގަޕޫރުގައި ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. 

ވައިޑު ބޮޑީގެ އޮޕަރޭޝަންތަކަށް މޯލްޑިވިއަނުން އަންނަނީ ތައްޔާރުވަމުން. މިއީ ކުންފުނީގެ ކުރިއެރުމަށް ކުރެވޭ މުހިންމު މަސައްކަތެއް. ވައިޑު ބޮޑީގެ އޮޕަރޭޝަންތަކާއެކު މިކުންފުންޏަށް އަންނާނެ ބޮޑެތިކުރިއެރުންތަކުގެ ތެރޭގައި، ދަތުރުތައް ފެށުމާއެކު އަހަރެއްގެ މައްޗަށް 60 ހާސް ފަސިންޖަރުން ރާއްޖެ ގެނެވޭނެކަމަށް ލަފާކުރެވޭ. ވައިޑު ބޮޑީގެ އޮޕަރޭޝަންތައް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ޗައިނާއަށް. އެއީ، ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ މުހިންމު އެއް މާކެޓަށް ވީތީ. ހަމައެހެންމެ، ބައިނަލްއަޤްވާމީ ދުނިޔެއަށް، މި ކުންފުނީގެ ޚިދުމަތް ފުޅާވުމަކީ ވެސް ކުންފުންޏަށް ލިބިގެންދާ ކުރިއެރުމެއް

މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވެފައިވެއެވެ.

މޯލްޑިވިއަންގެ ޗީފް ސްޓްރެޓެޖިސްޓް، މުހައްމަދު ސައްފާހް ވިދާޅުވީ، އެންމެ ފުރަތަމަ ދަތުރުކުރާނީ ޗައިނާގެ ތިން މަންޒިލަކަށް ކަމަށާއި، އޭގެފަހުން ޔޫރަޕަށް ވެސް އޮޕަރޭޝަންތައް ފެށުމަށް ރޭވިފައިވާކަމަށެވެ. 

ދަތުރުތައް ފުރަތަމަ ފަށާނީ ޗައިނާގެ ޝެންހާއި، ޗެންޑޫ އަދި ބެއިޖިންއަށް. އަދި އަޅުގަނޑުމެން މިދަނީ ޔޫރަޕަށް ދަތުރު ފެށުމަށް ވަރަށް ބާރަށް މަސައްކަތް ކުރަމުން

ސައްފާހް ވިދާޅުވިއެވެ.

މިއީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. އޭގައި ތިން ކެޓަގަރީގެ ފަސިންޖަރުންނަށް ޚިދުމަތްދޭނެކަމަށާއި، އެގޮތުން އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސްގެ އިތުރުން ޕްރިމިއަމް ކްލާސް ހިމެނޭނެކަމަށް މޯލްޑިވިއަންގެ ފަރާތުން މަޢުލޫމާތު ލިބެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS