Ads by Exprox

ޚަބަރު

"ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް" އިފްތިތާޙްކޮށްފި

"ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް" އިފްތިތާޙްކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ފޮޓޯ؛ އެކްސް

23 ޑިސެމްބަރު 2024، 10:43

"ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް" އިފްތިތާޙްކޮށްފިއެވެ.

މި މިންގަނޑުތައް އިފްތިތާޙްކުރުމަށް އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި އިފްތިތާޙީ ރަސްމިއްޔާތުގައި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަމީމް ޢަލީ ސަޢީދު ވަނީ މި މިންގަނޑުތައް އާންމުކޮށްދެއްވާފައެވެ. 

މި އަސާސަތަކާއި މިންގަނޑުތަކަކީ ރާއްޖެއަށް އަލަށް ތަޢާރަފް ކުރެވުނު މިންގަނޑުތަކެވެ. މި އަސާސުގައި، ޒަކާތްނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުޢީ އަސާސްތައް ބަޔާންކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވައިލެވިފައިވެއެވެ.

"ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް" އާންމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޒަކާތު ހައުސް އުފެއްދެވި މަތިވެރި މަޤްސަދު ޙާސިލްވަމުންދާކަން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި އަސާސަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މަގުޗާޓުކަމަށާއި މިއީ ޒަކާތު ހައުސްގެ އެންމެ މުހިންމު ޑޮކިއުމަންޓްކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ.

މި މަސައްކަތްކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުވެދެއްވި އެހީތެރިކަމާ އެއްބާރުލެއްވުން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި ޒަކާތު ހައުސްގެ އިތުރު މަސައްކަތްތަކެއް މިފަދައިން ފެނިގެންދާނެކަމަށް، ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް ޢިއްޒުއްދީން އަދުނާން، މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވިއެވެ.



މި އަސާސްތަކާއި މިންގަނޑުތަކުގެ މަޤްޞަދުތަކުގެ ތެރޭގައި:

  • ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންކުރައްވައިފައިވާ ފަދައިން ޒަކާތް ވާޖިބުވާ މުދަލުގެ ބާވަތްތައް ބަޔާންކުރުން.
  • މުދަލު ޒަކާތް ނެރުން ލާޒިމްވާ މުދަލުގެ ޝަރުޢީ އަސާސުތައް ބަޔާންކުރުން.
  • މުދަލު ޒަކާތް ނެރުން ވާޖިބުވާ ޒަމާނީ މާލީ މުދާ ބަޔާންކުރުން.
  • ޒަކާތް ނެރުން ވާޖިބުވާ މުދަލާއި އޭގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް ބަޔާންކުރުން.
  • މުދަލު ޒަކާތްދެއްކުމާ ގުޅޭ ޢާންމު އުޞޫލުތައް ބަޔާންކުރުން.
  • ޒަކާތު ބެހެނިވެރީންގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް ބަޔާންކުރުން.

މި ރަސްމިއްޔާތުގައި މި މަސައްކަތްކުރުމުގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކުރައްވައި ހަނދާނީ ލިޔުން ދެއްވާފައިވާއިރު، ޒަކާތު ހައުސްއިން މި އަސާސްތަކާއި މިންގަނޑުތައް އެކުލަވާލާފައިވަނީ ޒަކާތް ނެރުމާއި ޒަކާތް ބެހުމުގައި ޢަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺގެ ސައްޙަ ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢުއާއި ޤިޔާސްއާއި އިސްލާމީ ފިޤްހުގެ ޤަވާޢިދުތަކާއި އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ އަލީގައިކަން ފާހަގަކުރައްވާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ އިސްލާމީ ފިޤުހު އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކާއި ޒަކާތާ ގުޅޭ ބައިނަލްއަޤްވާމީ ކޮންފަރެންސުތަކުގެ ޤަރާރުތަކާއި ނިންމުންތަކަށާއި އިސްލާމީ ޤައުމުތަކުގެ ޒަކާތުގެ ކަންކަން ހިންގައި ބަލަހައްޓާ އިދާރާތަކުން ޢަމަލުކުރަމުންދާ ފިޤްހީ އުސޫލުތަކަށް މި އުފެއްދުން އުފެއްދުމުގައި ރިޢާޔަތްކޮށްފައި ވާނެކަމަށް ވެސް މަޢުލޫމާތުލިބެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco