ޚަބަރު
އަލިފާނުގެ ހާދިސާގައި ގެދޮރަށް ގެއްލުންވި ފަރާތްތައް މަރާމާތަށްފަހު ގެއަށް ބަދަލުކޮށްފި

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ފޮޓޯ: އެޑިޝަން
މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރެވުނު އެންމެހާ ފަރާތްތައް މިހާރު އެ ފަރާތްތަކުގެ އަމިއްލަ ގެދޮރަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއާއި، އިމާރާތްކުރުމާއި ބިނާވެށްޓާބެހޭ ވުޒާރާއާއި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާ ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތްތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ބައެއް ގޭގެއަށްވެސް ގެއްލުން ލިބުނެވެ.
މި ހާދިސާއާ ގުޅިގެން 3 އިމާރާތެއްގެ 7 ގޭބިސީއަކުން ޖުމްލަ 29 މީހުން ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރެވުނެވެ. މީގެ ތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި 14 އަންހެނުންނެވެ. އެންޑީއެމްއޭ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 19 ވަނަ ދުވަހު 5 މީހުން އެ މީހުންގެ އަމިއްލަ ގެއަށް ބަދަލުކުރެވުނު އިރު، ބާކީ ތިބި މީހުން އިއްޔެ ވަނީ އެ މީހުންގެ އަމިއްލަ ގެދޮރަށް ބަދަލުކޮށްފައެވެ.
އެންޑީއެމްއޭ އިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގެއްލުން ލިބުނު ހުރިހާ ގެއެއްގެ މަރާމާތަށް އުސޫލުގެ ތެރެއިން އެހީ ދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ. އަދި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތިން ވުޒާރާ ވަނީ ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށާފައެވެ.