ޚަބަރު
މަތީ ތަޢުލީމާއި ތަމްރީން ދިނުމަށް ޚާއްސަ މަރުކަޒެއް ކޮންމެ އަތޮޅެއްގައި ވެސް ތަރައްޤީ ކުރަނީ
ދިއްދޫ ޖޫނިއަރ ކޮލެޖު ފޮޓޯ: މަތީ ތަޢުލީމާ ބެހޭ ވުޒާރާ
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން، އަތޮޅުތަކަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމަށް ޓަކައި ޚާއްޞަ މަޝްރޫޢެއް ފެށުމަށް ނިންމަވައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް މަތީ ތަޢުލީމާއި ތަމްރީނުދޭ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. ރާއްޖެގެ އެކި ކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތަކާއި ޖޫނިއަރ ކޮލެޖްތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވެސް މި ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.
އަތޮޅުތަކަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް ކުރާމަސައްކަތްތަކުގެ ދަށުން ކޮންމެ އަތޮޅެއްގައި ވެސް، ޚާއްޞަކޮށް އާބާދީ ބޮޑު ރަށްރަށުގައި، މަތީ ތަޢުލީމާއި ހުނަރު ދަސްކޮށްދޭނެ މަރުކަޒެއް ތަރައްޤީކުރުމަކީ އަމާޒެއް، އަދި އެމަސައްކަތް އަވަހަށް ކުރިއަށް ގެންދިޔުމަށް ޓަކައި އެކި ކައުންސިލްތަކާއެކު މަޝްވަރާކުރެވުމުން ދަނީ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަތީ ތައުލީމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރ ޝަފީޢު ވިދާޅުވީ، ސަރުކާރުން ތަރައްޤީކުރާ މަރުކަޒުތަކެއް ކަމުގައި ވިޔަސް، މިތަންތާނގައި އަމިއްލަ ފަރާތްތަކަށް ވެސް ތަމްރީނުތައް ބޭއްވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. ހުއްޓުމެއްނެތި މަތީ ތަޢުލީމާއި ހުނަރުތައް ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމުގެ ފުރުޞަތު، މި މަރުކަޒުތަކުގެ އެހީގައި ލިބިގެންދާނެ ކަމަށް ވެސް ޝަފީޢު ވިދާޅުވެފައިވެއެވެ.
ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މި މަރުކަޒުތަކުގެ އިތުރުން ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ގިނަ ކެމްޕަސްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަކީ އަމާޒެއްކަން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. މި ވުޒާރާއިން މިވަގުތު ޖޫނިއަރ ކޮލެޖްތަކާއި ޓިވެޓް ސެންޓަރުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށި ޓިވެޓް ސެންޓަރުގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފައެވެ. މި ސެންޓަރުތައް ބިނާކުރަން ރާވާފައި ވަނީ ކުދިންނަށް އެތާންގައި ތިބެވޭނެ އިންތިޒާމުތަކާއި ވެސް އެކުގައިކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.