ޚަބަރު
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ކްރިމަނަލް ކޯޓު
ދިރުވާލައިގެން ރާއްޖެއަށް ކިލޯއެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބްރެޒިލްގެ މީހަކު ހައްޔަރުކޮށްފިއެވެ.
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ބްރެޒިލް އަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ ފިރިހެނެކެވެ. މިމައްސަލައާއި ގުޅިގެން ބްރެޒިލްގެ އެމީހާގެ އިތުރުން އެ ތަކެއްޗާ ހަވާލުވާން ދިޔަ ދިވެހި ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި ބްރެޒިލްގެ އެމީހާގެ ހަށިގަނޑު ތެރޭގައި ރައްކާ ކޮށްފައިވާ 107 ބުލެޓު ފެނިފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަން އެއް ކިލޯ އަށް ވުރެ މަތި ކަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައެވެ.
މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންވެސް ބުނެފައިވަނީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލެއްގެ އެހީގައި ކަމަށެވެ.
މި ދެ މީހުންގެ މައްޗަށް ކޮށްފައިވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ބޭނުންކޮށް، ގެންގުޅެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތެވެ.