ސައިންސް

ނާސާ އިން އިރަށް ފޮނުވި އުޅަނދު އިރާ އެންމެ ކައިރިވާ ވަގުތު ދުނިޔެއާ މުވާސަލާތު ކުރުމަށް ދަތިވާނެ : ނާސާ

ނާސާ އިން އިރަށް ފޮނުވި އުޅަނދު އިރާ އެންމެ ކައިރިވާ ވަގުތު ދުނިޔެއާ މުވާސަލާތު ކުރުމަށް ދަތިވާނެ : ނާސާ

ނާސާއިން އިރަށް ފޮނުވި އުޅަނދު ފޮޓޯ:ނާސާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޑިސެމްބަރު 2024، 10:58

25 ޑިސެމްބަރު 2024، 10:58

މިދިޔަ ހޮނިހިރު ދުވަހު ނާސާގެ ޕާކަރ ސޯލަރ ޕްރޯބް އުޅަނދު އިރާ އެންމެ ކައިރިވެފައިވާ ރެކޯޑު ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ނާސާއިން ބުނެފިއެވެ. މި އުޅަނދު އިރުގެ ބޭރު ފަށަލައަށް ވަދެ، ގަދަ ހޫނާއި ވަރުގަދަ ރޭޑިއޭޝަން ތަހައްމަލު ކުރަމުންދާ ކަމަށް ވެއެވެ.

މި އުޅަނދު އިރާ އެންމެ ކައިރިވާއިރު، އިރުގެ ސަތަހައާ ދެމެދު ހުންނާނީ 6.2 މިލިއަން ކިލޯމީޓަރެވެ. މިއީ ދުނިޔެއާއި އިރާ ދެމެދު ހުންނަ ދުރުމިނާ އަޅާބަލާއިރު ވަރަށް ކައިރި ދުރުމިނެކެވެ. އުޅަނދު އިރާ އެންމެ ކައިރިވާއިރު 1،400 ޑިގްރީ ސެލްސިއަސްގެ ހޫނު ތަހައްމަލު ކުރަން ޖެހޭނެއެވެ.

މި އުޅަނދު އިރުގެ ބޭރު ފަށަލައަށް ވަނުމުގެ މަޤްޞަދަކީ އިރާ ބެހޭ ގޮތުން އަދިވެސް ޖަވާބު ނުލިބިވާ ސުވާލުތަކަށް ޖަވާބު ހޯދުމެވެ. މީގެ ތެރޭގައި އިރުގެ ބޭރު ފަށަލައިގެ ހޫނުމިން އިރުގެ ސަތަހައަށް ވުރެ މަތިވާ ސަބަބު ހޯދުން ހިމެނެއެވެ. އަދި މީގެ އިތުރުން ސޯލަރ ވިންޑްގެ ސަބަބުން ދުނިޔެއަށް ކުރާ އަސަރުތައް ދެނެގަތުމަށް މަސައްކަތް ކުރެވޭނެއެވެ.

މި އުޅަނދު އިރާ އެންމެ ކައިރިވާ ވަގުތު ދުނިޔެއާ މުވާސަލާތު ކުރުމަށް ދަތިވާނެ ކަމަށް ނާސާއިން ބުނެފައިވެއެވެ. އެހެންކަމުން، އުޅަނދު ރައްކާތެރިކަމާއެކު މި ދަތުރު ފުރިހަމަ ކުރިކަން އެނގޭނީ 28 ޑިސެމްބަރުގެ ހެނދުނު 10:00 ގައި ކަމަށް ވެއެވެ. މި މިޝަން ކާމިޔާބު ވެއްޖެނަމަ، އުޅަނދު އިރުގެ ވަށައިގެން ދައުރުވަމުން ދާނެ ކަމަށް ނާސާއިން ބުނެފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން