ޚަބަރު
ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މުޅި ރާއްޖޭގައި ހަދިޔާ ބަދަލުކުރުމުގެ ހަރަކާތެއް ކުރިއަށްގެންދަނީ

ދިވެހި ކެއުން ފޮޓޯ: މޯލްޑިވިއަން ވަރޗުއަލް ޓުއަރ
ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ހަދިޔާ ބަދަލުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
ޑިސެންބަރު 26 ވަނަ ދުވަހަކީ ރާއްޖޭގައި ކޮންމެ އަހަރަކުވެސް ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއިން ލިބުނު ދަތިތަކުން އަރައިގަތުމަށްޓަކައި އެއްބައިވެ ދިވެހިންކުރި މަސައްކަތް އަގުވަޒަންކޮށް، އެ ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ދެއްވިމަޢުލޫމާތުގައި، މި ހަރަކާތުގައި ދިވެހި މަލާފަތާއި ކޭމާއި ތަށިބަރިފަދަ ހަދިޔާތައް އެއް ރަށުން އަނެއް ރަށަށް ފޮނުވާނެ ކަމަށެވެ. މިއީ ދިވެހިންގެ ޒަމާންވީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ހަރަކާތެއްކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ހަދިޔާ ފޮނުވުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ ލިމިޓެޑް (އެމްޓީސީސީ)ގެ އާރުޓީއެލް ފެރީގެ ނިޒާމު މެދުވެރިކޮށްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ރަށަކަށް ފޮނުވާ ހަދިޔާއާއެކު އެ ރަށަކަށް ކަމެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދޭނެކަން ދޭހަވާ މެސެޖެއްވެސް ލިޔުމުން ފޮނުވަންޖެހޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، ހެނދުނު 9:23 ގައި މުޅި ރާއްޖޭގައި ސުކޫތެއް އޮންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މިއީ 26 ޑިސެންބަރު 2004 ގައި ރާއްޖެއަށް ސުނާމީ އެރި ގަޑިއެވެ. ވެރިރަށް މާލޭގައި ސުކޫތު ރަސްމީކޮށް އޮންނާނީ ކުރީގެ ހުރަވީ ބިލްޑިންގ ހުރި ބިމުގައެވެ. މި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނާއި އެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ ހުރިހާ އޮފީހެއްގެ މުވައްޒަފުން ބައިވެރިވާނެއެވެ. ރަށްރަށުގައި ސުކޫތު އިންތިޒާމްކުރާނީ ރަށު ކައުންސިލްތަކުންނެވެ.
އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ސުނާމީގެ ހަރަކާތްތައް ދައްކުވައިދޭ ފޮޓޯ މައުރަޒެއްވެސް ބާއްވާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި މައުރަޒު އޮންނާނީ ހެނދުނު 11:00 ޖަހާއިރުއެވެ.
2004 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހު ދިމާވި ސުނާމީ ކާރިސާއަކީ މުޅި ރާއްޖޭގެ ކުލަވަރު ބަދަލުކޮށްލި ހިތާމަވެރި ހާދިސާއެކެވެ. މި ކާރިސާގައި 82 މީހަކު މަރުވެ، އެތައް ބައެއްގެ ދިރިއުޅުން ވެއްޔާ މޮޑެވިގެން ދިޔައެވެ. މީހުން ދިރިއުޅެމުންދިޔަ ބައެއް ރަށްތައް ފަޅުވެ، އެހެން ރަށްރަށަށް މީހުން ބަދަލުކުރަންޖެހުނެވެ. ކާޑަށް ޖެހި، ޓެންޓުތަކުގައިވެސް މީހުން ދިރިއުޅެންޖެހުނެވެ.
މި ބޮޑު ކާރިސާއިން އަރައިގަތުމަށް ދައުލަތާއި ރައްޔިތުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހުނެވެ. މި މަސައްކަތުގައި އާދަޔާ ޚިލާފު އެއްބައިވަންތަކަމެއް ދިވެހިން ދެއްކިއެވެ. އެހެންކަމުން، ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް މިއަދު ފާހަގަކުރަނީ އެ ދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އެކުވެރިކަމާއި އަޚުވަންތަކަމުގެ ނަމޫނާގެ ސަބަބުންނެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި އަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ހަރަކާތްތަކުގައި ރަށްރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވާގޮތަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އަދި ސުކޫތު ނިންމުމަށްފަހު މުޅި ރާއްޖޭގައި އެއްބައިވަންތަކަމުގެ އަތު ގުޅާލުމެއްވެސް އޮންނާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.
މި ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރަށް ބަދަހިކޮށް، ޤައުމީ ލޯބި އާލާކުރުމެވެ. އަދި ކުރިމަގުގައި ދިމާވެދާނެ ކާރިސާތަކާ ކުރިމަތިލުމަށް ތައްޔާރުވެ، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކުރުމެވެ.