ޚަބަރު
ކޮރަޕްޝަނާއި ގުޅުން ހުރި ނިޝާނެއް ފެނުނުނަމަވެސް ރިޕޯޓު ކުރޭ: ވަޒީރު އާދަމް ޝަރީފް

ވަޒީރު އާދަމް ޝަރީފް ޢުމަރު. ފޮޓޯ: އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާ
ކޮރަޕްޝަނާއި ފަސާދައާ ގުޅުން ހުރި ނިޝާނެއް ފެނުނުނަމަވެސް ރިޕޯޓު ކުރުމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ އެވުޒާރާގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެވުޒާރާގެ މުވައްޒަފުންނާއި ވަޒީރު އާދަމް ޝަރީފް ބައްދަލުކުރެއްވީ މިއަދު ހެނދުނެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްތަކާ ގުޅިގެން، އެމަނިކުފާނުގެ އިރުޝާދާއެކު، އެވުޒާރާގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށެވެ.
ކޮރަޕްޝަނާއި ފަސާދައާ ގުޅުންހުރި އެއްވެއް ކަމެއް ނުވަތަ ނިޝާނެއް ފެނުނުނަމަވެސް ވަޤުތުން ވަޒީރު އާދަމް ޝަރީފް ޢުމަރަށް ރިޕޯޓް ކުރެއްވުމަށް ވަޒީރު އިލްތިމާސްކޮށްފައިވެއެވެ.
އެފަދަ ކަންކަމުގެ މަޢުލޫމާތު ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާ، އޭސީސީއަށް ހިއްސާ ކުރެއްވުމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އިލްތިމާސްކުރެއްވިއެވެ.
މި ބައްދަލުވުމުގައި، އަދުގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ ހިތްވަރުގަދަ މަސައްކަތްތައް ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ވުޒާރާގެ މުވައްޒަފުން ޝުކުރު ދަންނަވާފައިވާ ކަމަށް އެވުޒާރާ އިން ބުނެފައިވެއެވެ.