ޚަބަރު
ވެލާނާ އެއަރޕޯޓު ތަރައްޤީކުރުމަށް އަބޫދާބީ ފަންޑުން އިތުރު 616 މިލިއަން ރުފިޔާގެ ލޯނެއް
މާލީ ވަޒީރު މޫސާ ޒަމީރާއި އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އައްސުވައިދީ ފޮޓޯ: ޕީއެސްއެމް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން އިތުރު 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ ލޯނު އެހީ ދީފިއެވެ. މި ފައިސާގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލީ ވަޒީރު މޫސާ ޒަމީރާއި އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އައްސުވައިދީއެވެ.
މި އެހީއަކީ 2017 ވަނަ އަހަރު މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާތަކަށް ދީފައިވާ 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނަށް އިތުރަށް ދިން ޢަދަދެކެވެ. މި އެއްބަސްވުމުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހުޅަނގު ފަރާތުގެ ފަސިންޖަރުން ބޭނުންކުރާ ޓާމިނަލް ތަރައްޤީކޮށް، 26 މަތިންދާބޯޓު ބޭއްވޭ ވަރަށް ބޮޑުކުރުމާއި، ބައިނަލްއަޤްވާމީ ފަސިންޖަރުންނަށް އައު އިމާރާތެއް އެޅުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި މާލީ ވަޒީރު މޫސާ ޒަމީރު ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އޭޑީއެފްޑީން ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ މި އެހީއަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކާއި ޓެކްނޮލޮޖީ ހިމެނޭ އިންޓަރނޭޝަނަލް އެއަރޕޯޓެއް ޤާއިމުކުރުމަށް ވަރަށް މުހިންމު އެހީތެރިކަމެއް ކަމަށެވެ.
އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އައްސުވައިދީ ވިދާޅުވީ، މި އެހީގެ ސަބަބުން ދިވެހިރާއްޖޭގައި ކުރިއަރަމުންދާ ފަތުރުވެރިކަމުގެ ޑިމާންޑަށް ފެތޭގޮތަށް ވެލާނާ އެއަރޕޯޓްގެ ޚިދުމަތް ދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.
އަބޫދާބީ ފަންޑު ފޯރ ޑިވެލޮޕްމަންޓުން 1976 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ގިނަ މުހިންމު މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދީ ފައިނޭންސްކޮށްދީފައިވެއެވެ. މި މަޝްރޫޢުތަކުން ދަތުރުފަތުރާއި، ހަކަތައާއި، ފަތުރުވެރިކަމާއި، ބޯހިޔާވަހިކަމުގެ ފަދަ މުހިންމު ދާއިރާތައް ތަރައްޤީކޮށްފައިވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަވަހަށް ނިންމާ ހުޅުވުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އައު ޓާމިނަލްއަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ، އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ ޓާމިނަލްއެކެވެ.
އައު ފަސިންޖަރ ޓާމިނަލްގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ހިމެނޭނެއެވެ. މީގެ އިތުރުން، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް ވެސް އައު ޓާމިނަލްގައި ގާއިމުކުރެވޭނެއެވެ.
މި މަޝްރޫޢުގެ ސަބަބުން މިހާރު ހުރި ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެގެންދާނެއެވެ. މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓާމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާމިނަލެއް ކަމުގައިވާއިރު، އަލަށް ތަރައްޤީކުރެވޭ 78 ހާސް އަކަ މީޓަރުގެ އައު ޓާމިނަލުން އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ދަތުރުފަތުރުގެ ދާއިރާގައި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަތުރުކުރާ މީހުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމާއި، އަދި ޤައުމީ އިޤްތިޞާދުގެ މުހިންމު ތަނބެއް ކަމުގައިވާ ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުމަށް ރާވާފައިވާ ޤައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ވަރަށް މުހިންމު މަރުޙަލާއެކެވެ.
އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އައްސުވައިދީ ވިދާޅުވީ، އޭޑީއެފްޑީން ދިވެހި ސަރުކާރާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ދިވެހި ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދީ، ވަޒީފާގެ ފުރުޞަތުތައް އުފައްދައި، ދެމެހެއްޓެނިވި ތަރައްޤީ ގެނެސްދޭ މުހިންމު މަޝްރޫޢުތަކުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ.
The Ministry of Finance has signed an agreement with the @ABUDHABI_FUND (ADFD) to finance the development of @VelanaAirport.
— Ministry of Finance (@MoFmv) December 26, 2024
This project aims to boost economic growth by upgrading airport facilities and increasing passenger capacity, paving the way for enhanced connectivity… https://t.co/2yDYflFDI4