Ads by Exprox

ޚަބަރު

ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދާއި އިސް އެހެން މުވައްޒަފެއްގެ މައްޗަށް ދަޢުވާ ކުރަނީ

ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދާއި އިސް އެހެން މުވައްޒަފެއްގެ މައްޗަށް  ދަޢުވާ ކުރަނީ

ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ޑިސެމްބަރު 2024، 06:35

26 ޑިސެމްބަރު 2024، 06:35

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދާއި އެކުންފުނީގެ ކުރީގެ އިސް އެހެން މުވައްޒަފެއްގެ މައްޗަށް ދަޢުވާ ކުރަން ފޮނުވައިފި ކަމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. 

ޕީޖީ އޮފީހުން ބުނެފައިވަނީ 

2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލާގައި ދަޢުވާ ކުރުމަށް 26 ޑިސެންބަރު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިކަމަށެވެ. 

އެގޮތުން ދަޢުވާ ކުރަން ފޮނުވައިފައިވަނީ

ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޏ. ފުވައްމުލައް، ހޯދަޑު، މައިޒާން، އަޙްމަދު ސަޢީދު މުޙައްމަދު ގެ މައްޗަށް ކަމަށާއި، ސަޢީދުގެ މައްޗަށް ދަޢުވާ ކުރަނީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކަމަށްވެސް ބުނެފައިވެއެވެ.

މިދަޢުވާ ސާބިތުވެއްޖެނަމަ ސަޢީދުގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމުގެ ޙުކުމެއް އަންނާނެއެވެ. 

މީގެއިތުރުން، ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް ޏ. ފުވައްމުލައް، ހޯދަޑު، މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކުރުމަށްވެސް ވަނީ ކްްރިމިނަލް ކޯޓަށް ފޮނުވައިފައެވެ. 

މިދަޢުވާ ދީނާގެ މައްޗަށް ސާބިތުވެއްޖެނަަ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމުގެ ޙުކުމެއް އަންނާނެއެވެ. 

ޕީޖީ އޮފީހުން ބުނެފައިވަނީ މި ޢަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް އަށް ލައްކަ ސާޅީސް އަށް ހާސް ރުފިޔާ ގެ ގެއްލުމެއް ލިބިފައިވާކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco