ޚަބަރު
ދިމާވާ ކޮންމެ ނިކަމެތިކަމަކުން އަރައިގަތުމުގައި ރައްޔިތުންގެ އެއްބައިވަންތަކަމަކީ ކޮންމެހެން ލާޒިމްކަމެއް: ޤާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް. ފޮޓޯ: ޓީއެމްޖޭ
ހުލާސާ
ދިމާވާ ކޮންމެ ނިކަމެތިކަމަކުން އަރައިގަތުމުގައި ރައްޔިތުންގެ އެއްބައިވަންތަ ކަމަކީ ކޮންމެހެން ލާޒިމްކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ޚިއްސާ ކުރެއްވެވި ޕޯސްޓެއްގައެެވެ.
ޤާސިމްގެ ޕޯސްޓުގައި ވިދާޅުވީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހްނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާ ކަަމަށެވެ.
މީގެއިތުރުން ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހަކީ 2004 ވަނަ އަހަރު ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ބިރުވެރި ސުނާމީގެ ބިޔަ ރާޅުގައި ރާއްޖޭގެ މީހުން ދިރިއުޅޭ އެތަކެއް ރަށެއް ސުންނާފަތިވެ، ނިކަމެތި ހާލުގައި ދިވެހީންގެ އެތައްބައެއް ޖެހުނު ހިތްދަތިވަގުތުގައި، ދިވެހީން ދެއްކެވި އެއްބައިވަންތަކަމުގެ މަތިވެރި ޒިކުރާ އާކުރާ ދުވަސް ކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ.
މި މުހިންމު ދުވަހުގައި އަޅުގަނޑުމެން ޢަޒުމު އާކުރަންވީ އާހިތްވަރަކާއި އެކު އެކުވެރިކަމާއި އެއްބައިވަންތަކަން އަލުންދިރުވުމަށް، ޤައުމަށް ދިމާވާ ކޮންމެ ނިކަމެތިކަމަކުން އަރައިގަތުމުގައި ރައްޔިތުންގެ އެއްބައިވަންތަކަމަކީ ކޮންމެހެން ލާޒިމްކަމެއްކަމުގައި ދެކި ދިވެހި ޤައުމަށް ހެޔޮ ގޮތް ހޯދުމަށް އެކުވެރިވެ އަބަދުވެސް އަތުގުޅާލައިގެން ތިބުމަކީ ޤައުމުގެ ހައްޤުގައި ކޮންމެހެންވެސް ކުރަންޖެހޭކަމެއް
ޤާސިމް އިބްރާހިމް ވިދާޅުވެފައިވެއެވެ.
އެއްބައިވަންތަ ކަމުގެ ދުވަހަކީ މީގެ 20 އަހަރު ކުރިން ދިމާވި ސުނާމީގެ ކާރިސާއާއި ގުޅިގެން ފާހަގަ ކުރަން ފެށި ދުވަހެކެވެ. ސުނާމީގެ ކާރިސާއަކީ ދިވެހި ތާރީޚުގައި ދިމާވި ޤުދުރަތީ އެންމެ ބޮޑު ހާދިސާއެވެ. ސުނާމީގައި 82 ދިވެއްސަކު ވަނީ ނިޔާވެފައެވެ. އަދި 26 ދިވެއއްސަކު ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ.