ޚަބަރު
އަލަށް ތަޢާރަފުކުރެވުނު ޑޮމެއިން ރަޖިސްޓަރީ ސެޓްފިކެޓް ފުރަތަމަ ފަރާތައް ހަވާލުކޮށްފި

އަލަށް ތަޢާރަފުކުރެވުނު ޑޮމެއިން ރަޖިސްޓަރީ ސެޓްފިކެޓް ހަވާލުކުރުން. ފޮޓޯ: ވުޒާރާ
އަލަށް ތަޢާރަފްކުރެވުނު ޑޮމެއިން ރަޖިސްޓަރީ ސެޓްފިކެޓް އެންމެ ފުރަތަމަ ލިބިވަޑައިގަތް ފަރާތަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އެ ލިޔުން ހަވާލުކޮށްދެއްވައިފިއެވެ.
މި ސެޓްފިކެޓަކީ ޑޮމެއިން ރަޖިސްޓްރޭޝަންގެ ޞައްޙަކަން ކަށަވަރުކުރެވޭގޮތަށް ސެކިއުރިޓީ ފީޗަރތަކެއް އެކުލެވިގެންވާ ލިޔުމެއްކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރައިން ވަނީ ބުނެފައެވެ.
ޑޮމެެއިން ސެޓްފިކެޓް ހަވާލުކުރުމަށްފަހު ވަޒީރު އަމީން ވިިދާޅުވީ ޑޮމެއިންގެ މައްސަލަތަށް ބޮޑުވެ ޑޮމެއިންގެ ޚިދުމަތް ހުއްޓާލަން އެވުޒާރާއަށް ކުރީގެ ސަރުކާރުކުގެ ދުވަސްވަރު އޮތީ އަންގާފައިކަަމަށެވެ. ނަމަވެސް އެޚިދުމަތް ހުއްޓުވާފައި އޮތުން އެއީ ރަނގަޅުގޮތަކަށް ނުވާތީ، އެ ޚިދުމަތް ރައްޔިތުންނަށް ދޭން ފެށީކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު އަމީން ވިދާޅުވީ އެންމެ ބޮޑަށް އިސްކަން ދެއްވީ ޑޮމެއިން ގެންގުޅޭ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ލިބިގެންދާ ގޮތަށް އެ ޚިދުމަތް އަލުން ދިނުމަށް ކަމަށެވެ. އެގޮތުން އެ ޚިދުމަތް ވަކި އުސޫލުތަކެއްގެ ތެރެއިން ކުރިއަތް ގެންދިިއުމަށް ޑޮމެއިންއާ ގުޅޭ ޤަވާއިދު އިސްލާޙުކުރުމާއި، ހަރުދަނާ އިދާރީ އޫސޫލުތައް ހެދިގެން ދިޔަކަން ފާހަގަކުރެއްވިއެވެ.
ނޮވެންބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން ޑޮމެއިން ރިޕްލޭސްމަންޓަށް ހުޅުވައިލާފައިވާއިރު މިހާތަނަށް 600 އަށްވުރެ ގިނަ ފަރާތަކުން ޚިދުމަތަށް އެދި ހުށަހަޅާފައިވާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ކުރީގައި ހަވާލުކުރެވޭ ޑޮމެއިން ޔެލޯ ސްލިޕާ ޚިލާފަށް މިހާރުގެ ސެޓްފިކެޓާއި ރަޖިސްޓްރީ އަކީ ސެކިއުރިޓީ ވަރުގަދަ އަދި ވަކި ސިސްޓަމެއްގެ ތެރޭގައި ޑުޕްލިކޭޓް ނުކުރެވޭނެ ފެންވަރަށް ތައްޔާރުކުރެވިފައިވާ އެއްޗެއްކަމަށެވެ.