ދުނިޔެ

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޑިސެމްބަރު 2024، 10:58

26 ޑިސެމްބަރު 2024، 10:58

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގ (އުމުރުފުޅުން 92 އަހަރު)  އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ އިންޑިޔާގެ އެއިމްސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

ޑރ. ސިންގގެ ޙާލުކޮޅު ކުއްލިއަކަށް ދެރަވުމާ ގުޅިގެން މިރޭގެ ވަގުތެއްގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށުނެވެ. އެހެންނަމަވެސް، އޭނާގެ ފުރާނަފުޅު ސަލާމަތް ނުކުރެވުނެވެ.

އިންޑިޔާގެ ތާރީޚުގައި އެންމެ މަޤުބޫލު އަދި ވަރުގަދަ ސިޔާސީވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ސިންގ ވަނީ 2004 އިން 2014 އަށް އިންޑިޔާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އޭނާގެ ވެރިކަމުގެ ދައުރުގައި އިންޑިޔާގެ އިޤްތިޞާދަށާއި އިޖުތިމާޢީ ސިޔާސަތުތަކަށް ގެނެސްދެއްވި އިންޤިލާބީ ބަދަލުތައް މިއަދާ ހަމައަށްވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ޑރ. ސިންގގެ އަވަހާރަވުމާ ގުޅިގެން، އިންޑިޔާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ފަދަ ގިނަ ސިޔާސީ ލީޑަރުން ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައެވެ.

1952 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކޭމްބްރިޖް ޔުނިވަރސިޓީން އިކޮނޮމިކްސް ދާއިރާއިން ތަޢުލީމު ޙާޞިލްކުރެއްވި ޑރ. ސިންގގެ ސިޔާސީ ޙަޔާތް ފެށުނީ 1971 ވަނަ އަހަރު އިންޑިޔާގެ މިނިސްޓްރީ އޮފް ކޮމަރސްގެ އިކޮނޮމިކް އެޑްވައިޒަރގެ މަޤާމުންނެވެ.

ޑރ. މަންމޯހަން ސިންގ އަވަހާރަވިއިރު، އަނބިކަނބަލުންނާއި ތިން އަންހެން ދަރިކަނބަލުން ދުނިޔޭގައި ތިއްބެވިއެވެ. އިންޑިޔާގެ މިހާރުގެ އިޤްތިޞާދީ ކުރިއެރުމުގެ ބިންގާ އެޅުއްވި ބޭފުޅެއްގެ ގޮތުގައި ޑރ. ސިންގ ފާހަގަކުރެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS