ސައިންސް

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހިތުގެ ބަލި ދެނެގަނެވޭ އައު ވަސީލަތެއް ތަޢާރަފުކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހިތުގެ ބަލި ދެނެގަނެވޭ އައު ވަސީލަތެއް ތަޢާރަފުކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހިތުގެ ބަލި ދެނެގަތުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޑިސެމްބަރު 2024، 11:51

29 ޑިސެމްބަރު 2024، 11:51

ހިތުގެ ބައެއް ބަލިތައް އޭގެ އަލާމާތްތައް ފެންނަން ފެށުމުގެ ކުރިން ދެނެގަތުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އައު ޓޫލެއް ތަޢާރަފުކޮށްފިއެވެ. މި ޓޫލަކީ އޭޓްރިއަލް ފައިބްރިލޭޝަން (އޭއެފް) ކިޔާ ހިތުގެ ބައްޔެއް ޖެހުމުގެ ރިސްކު އޮތް މީހުން ދެނެގަތުމަށް ޑޮކްޓަރުންގެ ރިކޯޑުތައް ދިރާސާކުރާ ޓޫލެކެވެ.

އޭއެފް އަކީ ހިތުގެ ވިންދު އާދަޔާ ޚިލާފަށް ބާރުވެ، އެއްވަރެއްގައި ނުހިފެހެއްޓޭ ހިތުގެ ބައްޔެކެވެ. މި ބަލި ޖެހޭ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.

ބްރެޑްފޯޑްގެ އެޕަރލީ ބްރިޖްގައި ދިރިއުޅޭ 74 އަހަރުގެ ޖޯން ޕެންގެލީ ވިދާޅުވީ މި ޓްރަޔަލްގައި އޭނާއަށް އޭއެފް ޖެހިފައިވާކަން ދެނެގަނެވުނީތީ ވަރަށް އުފާވެ ޝުކުރުވެރިވާ ކަމަށެވެ. ކުރީގެ އާމީ ކެޕްޓަނެއް ކަމަށްވާ ޕެންގެލީ މިހާރު ކޮންމެ ދުވަހަކު ބޭސް ބޭނުންކުރައްވައެވެ. މިއީ ސްޓްރޯކް ޖެހުމުގެ ރިސްކު ކުޑަކުރުމަށްޓަކައެވެ.

ޔޫކޭގައި 1.6 މިލިއަން މީހުންނަށް އޭއެފް ޖެހިފައިވާކަން ދެނެގަނެވިފައިވާއިރު، ބްރިޓިޝް ހާޓް ފައުންޑޭޝަން (ބީއެޗްއެފް) އިން ބުނާ ގޮތުގައި އަދިވެސް އެތައްހާސް މީހުންނަށް މި ބަލި ޖެހިފައިވާކަން ނޭނގި ތިބިކަމަށް ލަފާކުރެވެއެވެ.

ޔުނިވަރސިޓީ އޮފް ލީޑްސް އާއި ލީޑްސް ޓީޗިންގ ހޮސްޕިޓަލްސް އެންއެޗްއެސް ޓްރަސްޓްގެ ސައިންޓިސްޓުންނާއި ޑޮކްޓަރުން ތައްޔާރުކޮށްފައިވާ މި ޓޫލް މިހާރު ވެސްޓް ޔޯކްޝަޔަރގެ އެކި ކްލިނިކްތަކުގައި ބޭނުންކުރަމުން ދެއެވެ. މި ޓޫލް ބޭނުންކޮށްގެން އޭއެފް ޖެހުމުގެ ރިސްކު އޮތް މީހުން ދެނެގަތުމަށް ޑޮކްޓަރުންގެ ރިކޯޑުތައް ދިރާސާކުރެވެމުންދެއެވެ.

ޔޫކޭގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 20,000 ސްޓްރޯކް ޖެހެނީ އޭއެފްގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ. ޔުނިވަރސިޓީ އޮފް ލީޑްސްގެ ޕްރޮފެސަރ ކްރިސް ގޭލް ވިދާޅުވީ، ގިނަ ފަހަރަށް އޭއެފް ޖެހިފައިވާކަން އެނގެނީ ސްޓްރޯކް ޖެހުމުންކަމަށެވެ. މިއީ ބަލި ޖެހޭ މީހުންނާއި އެމީހުންގެ ޢާއިލާތަކަށް ވަރަށް ބޮޑު ހިތާމައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ލީޑްސް ޓީޗިންގ ހޮސްޕިޓަލްސް އެންއެޗްއެސް ޓްރަސްޓްގެ ޑރ. ރަމޭޝް ނަދަރާޖާ ވިދާޅުވީ، މި ދިރާސާގެ ސަބަބުން މުޅި ޔޫކޭގައި މިފަދަ ޓްރަޔަލެއް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ ސްޓްރޯކްތައް ހުއްޓުވުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އުންމީދަކީ މި އާ ހޯދުމުގެ ސަބަބުން  އޭއެފް ޖެހިފައިވާކަން އަވަހަށް ދެނެގަނެވޭ މީހުންގެ އަދަދު އިތުރުވެ، އެމީހުންނަށް ބޭނުންވާ ފަރުވާ ލިބި، ސްޓްރޯކް ޖެހުމުގެ ރިސްކު ކުޑަކުރެވުން

 ޑރ. ނަދަރާޖާ 

މި އަލްގޮރިދަމް އިން މީހެއްގެ އުމުރު، ޖިންސު، ނަސްލު އަދި އެހެނިހެން ބަލިތައް ޖެހިފައިވޭތޯ ބަލައެވެ. މީގެ ތެރޭގައި ހިތުގެ ފެއިލިއަރ، ލޭގެ ޕްރެޝަރ މަތިވުން، ހަކުރު ބަލި، އިސްކީމިކް ހާޓް ޑިޒީޒް އަދި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ހިމެނެއެވެ. މި ހުރިހާ ކަމަކަށް ބަލައި އޭއެފް ޖެހުމުގެ ރިސްކު ވަޒަންކުރެވެއެވެ.

މި އައު ޓެކްނޮލޮޖީގެ ސަބަބުން އޭއެފް ޖެހިފައިވާކަން އަވަހަށް ދެނެގަނެވި، އެކަށީގެންވާ ފަރުވާ ލިބި، ސްޓްރޯކް ޖެހުމުގެ ރިސްކު ކުޑަކުރެވޭނެ ކަމަށް ޞިއްޙީ ދާއިރާގެ ފަރާތްތަކުން އުންމީދުކުރެއެވެ. 
                    


                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS