ދުނިޔެ
އީލޮން މަސްކްގެ އެކްސް ޕްލެޓްފޯރމްގެ ނަން "ކެކިއަސް މެކްސިމަސް" އަށް ބަދަލުކޮށްފި

އީލޮން މަސްކް ފޮޓޯ:އިންޓަނެޓް
ދުނިޔޭގެ އެންމެ މުއްސަނދި މީހާ އީލޮން މަސްކް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ނަން ބަދަލުކޮށްލުމާ ގުޅިގެން ކްރިޕްޓޯ ދުނިޔޭގައި ހަލަބޮލިކަމެއް އުފެދިއްޖެއެވެ. މަސްކް ވަނީ އޭނާގެ ނަން "ކެކިއަސް މެކްސިމަސް" އަށް ބަދަލުކޮށްލާފައެވެ.
އެމެރިކާގެ ރައީސްކަމަށް ހޮވިފައިވާ ޑޮނަލްޑް ޓްރަމްޕްގެ ގާތް އެކުވެރިއެއް ކަމުގައިވާ މި ޓެކް ބިލިއަނަރު ނަން ބަދަލުކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާގެ ޕްރޮފައިލް ފޮޓޯގައި ވަނީ ހަރުކަށި ޖަމާޢަތްތަކުން ބޭނުންކުރާ މީމެއް ކަމުގައިވާ ޕެޕޭ ދަ ފްރޮގްގެ ކުރެހުމެކެވެ.
މި ބަދަލާ ގުޅިގެން، "ކެކިއަސް" ނަމުގައިވާ މީމްކޮއިނެއްގެ އަގު ވަނީ އެއްފަހަރާ މައްޗަށް ގޮސްފައެވެ. މީމްކޮއިން އަކީ އިންޓަނެޓްގެ މީމްތަކުން އިންސްޕަޔަރވެގެން އުފައްދާ ޑިޖިޓަލް ފައިސާއެކެވެ.
މީގެ ކުރިން ވެސް މަސްކް ވަނީ އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުން ކްރިޕްޓޯ ފައިސާގެ އަގަށް ބަދަލު ގެނެސްފައެވެ. ނަމަވެސް މިފަހަރު އޭނާ މި މީމްކޮއިނާ ގުޅުންހުރިކަން އަދި ކަށަވަރެއް ނުވެއެވެ.
"ކެކިއަސް" އަކީ "ކެކް" މި ބަހުގެ ލެޓިން ވަރޝަނެއް ކަމަށް ބެލެވެއެވެ. "ކެކް" އަކީ ގޭމަރުންގެ މެދުގައި މަޝްހޫރުވެފައިވާ "ހަހަހަ" އާ އެއް މާނައެއްދޭ ބަހެކެވެ. އަދި މިހާރު މި ބަސް ހަރުކަށި ޖަމާޢަތްތަކާ ގުޅުވައެވެ. "ކެކް" އަކީ އާދައިގެ މިޞްރުގެ އަނދިރީގެ ކިޔާ ނަމެކެވެ. މި ނަމަކީ ބައެއް ފަހަރު ބަކައްޓެއްގެ ބޯ އޮންނަ ގޮތަށް ސިފަކުރެވޭ ނަމެކެވެ.
މަސްކްގެ މި ޢަމަލު ވަނީ ސޯޝަލް މީޑިއާގައި ގިނަ ބަހުސްތަކެއް އުފެދިފައެވެ. އަދި ކްރިޕްޓޯ ދުނިޔޭގައި އޮތް އޭނާގެ ނުފޫޒު އަލުން ފާހަގަކުރެވިފައެވެ.