ދުނިޔެ

ޔުކްރެއިން މެދުވެރިކޮށް ރަޝިޔާއިން ޔޫރަޕަށް ގޭސް ފޮނުވުން ހުއްޓާލައިފި

ޔުކްރެއިން މެދުވެރިކޮށް ރަޝިޔާއިން ޔޫރަޕަށް ގޭސް ފޮނުވުން ހުއްޓާލައިފި

ގޭސް ސަޕްލައިކުރާ ތަނެއްގައި މަސައްކަތްކުރަނީ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖެނުއަރީ 2025، 03:07

01 ޖެނުއަރީ 2025، 03:07

ޔުކްރެއިން މެދުވެރިކޮށް ރަޝިޔާއިން ޔޫރަޕަށް ގޭސް ފޮނުވުން ހުއްޓާލައިފިކަމަށް ޔުކްރެއިނުން ބުދަ ދުވަހު ވަނީ ހާމަކޮށްފައެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ ފަސް އަހަރުގެ އެއްބަސްވުމެއް މުއްދަތު ހަމަވުމާ ގުޅިގެން އެޅުނު ފިޔަވަޅެކެވެ.

ޔުކްރެއިނުގެ އެނަރޖީ މިނިސްޓްރީން ބުނެފައިވަނީ މި ނިންމުމަކީ ޤައުމީ ސަލާމަތަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ތާރީޚީ ވަގުތެއް ކަމަށާއި، މި ބަދަލަށް ތައްޔާރުވުމުގެ ގޮތުން ގޭސް ފޮނުވުމުގެ ވަސީލަތްތައް ކުރިން ތައްޔާރުކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔުކްރެއިނަށް ހަނގުރާމަ އިއުލާނުކުރުމާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަނުން ވަނީ ރަޝިޔާގެ ހަކަތައަށް ބަރޯސާވުން ކުޑަކުރުމަށް މަސައްކަތްކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ރަޝިޔާއިން ޔޫރަޕަށް ފޮނުވާ ގޭސްގެ މިންވަރު ވަނީ 2021 ގައި 40 އިންސައްތައިން 2023 ގައި 8 އިންސައްތައަށް ދަށްވެފައެވެ.

މި ބަދަލާ ގުޅިގެން، ރަޝިޔާއަށް މިހާރު ޔޫރަޕަށް ގޭސް ފޮނުވޭނީ ހަމައެކަނި ޓަރކިސްޓްރީމް ޕައިޕްލައިން މެދުވެރިކޮށް އެކަންޏެވެ. މި ޕައިޕްލައިން ދަނީ ތުރުކީ މެދުވެރިކޮށް ބަލްގޭރިއާއަށެވެ.

މި ބަދަލުގެ ސަބަބުން ޔުކްރެއިނަށް އަހަރަކު 800 މިލިއަން ޑޮލަރުގެ އާމްދަނީ ގެއްލޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ރަޝިޔާގެ ގެޒްޕްރޮމަށް ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރުގެ ވިޔަފާރި ގެއްލޭނެ ކަމަށްވެސް ބެލެވެއެވެ. ނަމަވެސް، ސްލޮވާކިއާ އަދި އޮސްޓްރިއާ ފަދަ ޔޫރަޕުގެ ބައެއް ޤައުމުތަކުން ވަނީ މީގެ ކުރިން އެހެން ގޮތްތަކުން ގޭސް ހޯދުމުގެ އިންތިޒާމްތައް ހަމަޖައްސާފައެވެ.
                    

މި ލިޔުން ކިޔާލުމުން