ދުނިޔެ
ޓްރަމްޕްގެ ހޮޓަލެއްގެ ކުރިމަތީގައި ޓެސްލާ ސައިބަރޓްރަކެއް ގޮއްވައިލައި މީހަކު މަރުވެއްޖެ

ހޮޓަލުގެ ކުރިމަތީގައި ގޮއްވާލި ސައިބަރ ޓްރަކް ފޮޓޯ:އިންޓަނެޓް
ލާސްވޭގާސްގައި ހުރި އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެފައިވާ ޑޮނަލްޑް ޓްރަމްޕްގެ ހޮޓަލެއްގެ ކުރިމަތީގައި ޓެސްލާ ސައިބަރޓްރަކެއް ގޮވައިލައި މަދުވެގެން އެކަކު މަރުވެ، 7 މީހުން ޒަޚަމްވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ލާސްވޭގާސްގެ ޝެރިފް ކެވިން މެކްމަހިލް ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އިލެކްޓްރިކް އުޅަނދު ޓްރަމްޕް އިންޓަރނޭޝަނަލް ހޮޓެލްގެ ބިއްލޫރި ދޮރާށީގެ ކުރިމައްޗަށް އަރާހަމަވުމާއިއެކު "ބޮޑު ގޮވުމެއް"ގެ އަޑު އިވުނެވެ.
ވީޑިއޯ ފުޓޭޖުން ދައްކާ ގޮތުގައި، ސްޓެއިންލެސް ސްޓީލް ޓްރަކު ހޮޓަލުގެ ދޮރާށީގައި ޕާކުކޮށްފައި އޮއްވައި އަލިފާން ރޯވެ، އޭގެ ފަހުން ބަޑިތަކާ އެއްގޮތް ކުދި ގޮވުންތަކެއްގެެ އަށު އިވުނެވެ.
މެކްމަހިލް ވިދާޅުވި ގޮތުގައި "ސައިބަރޓްރަކުގެ ތެރޭގައި އެކަކު މަރުވެފައި" ވާއިރު 7 މީހުންނަށް "ކުދިކުދި" އަނިޔާތައް ލިބުނެވެ.
ޓެސްލާގެ ވެރިޔާ އެލޮން މަސްކް ވިދާޅުވި ގޮތުގައި މި ގޮވުން ގޮވީ "ކުއްޔަށް ހިފާފައިވާ ސައިބަރޓްރަކުގެ ފަހަތުގައި އުފުލާފައިވާ ވަރަށް ބޮޑެތި ފަޓާސް /ނުވަތަ ބޮމެއް" މެދުވެރިވި ކަމެއް ކަމަށާއި، މިއީ "އުޅަނދާ ގުޅުމެއް ނެތް" ކަމެކެވެ. އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ މިހެން ވިދާޅުވިއެވެ.
މީގެ ކުރިން އޭނާ ވިދާޅުވެފައިވަނީ "ޓެސްލާގެ އިސް ވެރިންގެ މުޅި ޓީމުން" މި ގޮވުމާ ގުޅޭ ތަޙުޤީޤު ކުރަމުންދާ ކަމަށާއި، "މިފަދަ ކަމެއް މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ" ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި މި ގޮވުން މެދުވެރިވި ސަބަބު ދެނެގަތުމަށް އަދިވެސް މަސައްކަތް ކުރަމުންދެއެވެ.
ނޮވެމްބަރު މަހުގެ އިންތިޚާބުގައި ޓްރަމްޕަށް ތާއީދުކުރެއްވި މަސްކް، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އުފެއްދި ކޮމިޝަނެއްގެ އިސްވެރިޔަކަށް ރިޕަބްލިކަން ޕާޓީން ޢައްޔަންކުރިއެވެ. އޭނާ ވިދާޅުވި ގޮތުގައި "އިތުރު މަޢުލޫމާތު ލިބުމުން ވަގުތުން" ހިއްސާކުރައްވާނެއެވެ.
ރައީސް ޖޯ ބައިޑަންއަށް މި ގޮވުމާ ގުޅޭ މަޢުލޫމާތު ދެވި، ފެޑެރަލް އެހީތެރިކަން ބޭނުންވާނަމަ ފޯރުކޮށްދިނުމަށް އޭނާގެ ޓީމަށް އަންގަވާފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ.
މީގެ ކުރިން، ބުދަ ދުވަހު ނިއު އޯލިއަންސްގައި ކާރެއް އެކްސިޑެންޓްކޮށްލުމުގެ ހާދިސާއެއްގައި މަދުވެގެން 10 މީހުން މަރުވެފައިވާ ކަމުގެ މަޢުލޫމާތުވެސް ރައީސް ބައިޑަންއަށް ދެވިފައިވެއެވެ.
މެކްމަހިލް އެ ހާދިސާއަށް އިޝާރާތްކުރެއްވި ނަމަވެސް، ދެ ހާދިސާ ގުޅުވައި ސީދާ ވާހަކައެއް ދައްކަވާފައެއް ނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ލާސްވޭގާސްގެ އިދާރާތަކުން "އަޅުގަނޑުމެންގެ މުޖުތަމަޢު ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން" ގެންދެއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހޮޓަލުން މީހުން ނެރެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، ފުލުހުންނާއި ސަލާމަތީ ބާރުތަކުން ތަޙުޤީޤު ކުރިއަށް ގެންދަނީ ވަރަށް ފުޅާ ދާއިރާއެއްގައެވެ. ހާދިސާގެ އަސްލު ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، މިއީ ޓެރަރިޒަމްގެ ޢަމަލެއްތޯ ނުވަތަ އެހެން ބާވަތެއްގެ ޖިނާއީ ޢަމަލެއްތޯ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.