ޚަބަރު
ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ ދާޚިލީ ވުޒާރާގެ ދަށަށް ގެންދިޔުން ރަނގަޅު: ވަޒީރު އާދަމް ޝަރީފް
ވަޒީރު އާދަމް ޝަރީފް ޢުމަރް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި. ފޮޓޯ: ރައީސް އޮފީސް
ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުން ރަނގަޅު ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރް ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޑރ. މުޢިއްޒުގެ ނިންމެވުން ރަނގަޅު ކަމަށާއި ދާޚިީލީ ވަޒީރު ޢަލީ އިޙްސާނަށް އިތުބާރުކުރައްވާ ކަމަށެވެ.
ވަޒީރު އާދަމް ޝަރީފްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ މުވައްޒަފުންނާ މައިގަނޑު ޕާޓްނަރުންކަމުގައިވާ ދިރާގު، އޫރީދޫ، އާރްއޯއެލް، ސެޓްލިންކް އަދި ސްޓާލިންކްއާ އެކު މަސައްކަތްކުރުމަކީ ވަރަށް އުފެއްދުންތެރި އަދި މުހިންމު މަޢުލޫމާތު ލިބިވަޑައިގެންނެވި ތަޖުރިބާއެއް ކަމަށެވެ.
އަދި ޓެލެކޮމް ޕާޓްނަރުންނާއެކު ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޚިދުމަތްތައް ފުޅާކޮށް ރަނގަޅުކުރުމަށް ވަރަށް އުފެއްދުންތެރި ބައްދަލުވުންތަކާއި މަސައްކަތު ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށްވެސް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ހަމަމިއާއި އެކު، އޫރީދޫގެ ޕީސް ކޭބަލް އިފްތިތާޙް ކުރުމާއި ދިރާގުގެ އެސްއީ-ޑަބްލިޔު-އީ-އެމްްއީ ސަބްމެރިން ކޭބަލް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތް ކަމަށްވެސް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
އަދި ރައީސް ޑރ. މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބަރަހަނާ ސައިޓްތައް ބްލޮކްކުރުމުގެ ތާރީޚީ ނިންމުން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއިން ނިންމާފައިވާ ކަމަށްވެސް ފާހަގަކުރައްވައިފައިވެއެވެ.
ވަޒީރު އާދަމް ޝަރީފްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ދާޚިލީ ވަޒީރު އަލީ އިޙްސާނުގެ ޤާބިލު ލީޑަރޝިޕްގެ ދަށުން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ ޤައުމަށް ޚިދުމަތްކުރުމުގެ ދުވެލި ދެމެހެއްޓޭނެ ކަމަށް ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށެވެ. އަދި އެ އޮތޯރިޓީގެ މުސްތަޤްބަލުގެ މަސައްކަތްތަކުގައި ކާމިޔާބީ އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު، ވަޒީރު އާދަމް ޝަރީފް ވަނީ އެއޮތޯރިޓީ، ދިރާގު، އޫރީދޫ، އާރްއޯއެލް، ސެޓްލިންކް އަދި ސްޓާލިންކްއިން ވަޒީރަށާއި ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާގެ ޓީމަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.