ޚަބަރު
މާލޭގެ ވަގުތީ ފެންހިންދާ ނިޒާމުން ވިއްސާރައިގައި ބޮޑު ލުޔެއް ލިބުނު: އެމްއެންޑީއެފް

ފުލުހުން ފެން ހިންދުމަށް ޕަންޕު ބޭނުންކުރަނީ ފޮޓޯ:އެމްއެންޑީއެފް
ސަރުކާރުން މާލޭގައި މިދިޔަ އަހަރު ގާއިމުކުރި ވަގުތީ ފެންހިންދާ ނިޒާމުތަކުގެ ސަބަބުން އިއްޔެ ކުރި ވިއްސާރައިގައި ފެންހިންދުމުގެ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބުނު ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.
ފެންހިންދުމުގެ އޮޕަރޭޝަނާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެމްއެންޑީއެފްގެ ލެފްޓިނަންޓް ކާނަލް ފާއިޒް ރަޝާދު ވިދާޅުވީ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށީ އިއްޔެ 11:37 ހާއިރު ކަމަށެވެ. އެގޮތުން މާލޭގެ 7 ސަރަހައްދެއްގައި 27 ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރިކަމަށް އޭނާ ވިދާޅުވިއެވެ.
ޕަމްޕުތައް ބަހައްޓާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ވެސްޓްޕާކް، އައިޖީއެމްއެޗް ފުރަގަސް، ވިލިނގިލި ފެރީ ޓާމިނަލް ކައިރި، މާފަންނު ސްޓޭޑިއަމް ކައިރި އަދި ދަރުބާރުގެ ކައިރި ހިމެނެއެވެ. ފާއިޒު ވިދާޅުވިގޮތުގައި މާލެއިން ފެން ހިންދުމުގެ އޮޕަރޭޝަން ނިންމާލާފައިވަނީ މިއަދު ހެނދުނު 8:34 ހާއިރުއެވެ.
ފާއިޒު އިތުރަށް ވިދާޅުވީ އިއްޔެ ވާރޭ ވެހެން ފެށީ ހުކުރު ގަޑީގައި ކަމަށާއި، ކުޑަ ވަގުތުކޮޅެއްގެތެރޭގައި ގިނަ އަދަދަކަށް ވާރޭ ވެހި ފެން ހިންދުމަށް ދަތިވިކަމަށެވެ. ނަމަވެސް ސަރުކާރުން ހަދާފައިވާ ފެންހިންދާ ނިޒާމުގެ ސަބަބުން މަސައްކަތް ވަރަށް ބޮޑަށް ލުއިވެގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރިން މަގުހުރަސްކޮށް އަޅާ ހޮޅިތަކުގެ ބަދަލުގައި އަޅުގަނޑުމެން އެއްކަލަ ޕިޓްތަކުގައި ޕަމްޕް ބަހައްޓައިގެން މަސައްކަތް ކުރީ. ބައެއް ޕިޓްތަކުގައި ހުންނާނެ ހަތް ޕަމްޕުވެސް ބަހައްޓާފައި. މިނެޓަކު 10،000 ޓަނު ބޭރުކުރާ ޕަމްޕުވެސް އަޅުގަނޑުމެން ހުންނާނެ ހެނދުނު ހެނދުނާކަހަލަ ގޮތަކަށް ނެރެ، އޭތިވެސް މައުންޓް ކުރިން. އެހެންވެ ވަރަށް ބޮޑަށް ލުއިވެގެންދިޔަ މި ޕިޓްތަކުގެ ސަބަބުން
ފާއިޒު
އެމްއެންޑީއެފުން ވަނީ ވެލިބަސްތާޖެހުމުގެ މަސައްކަތާއި ގެތަކުގައި ބޮޑުވެފައި ހުރި ފެން ހިންދުމުގެ މަސައްކަތްވެސް ކުރިއަށްގެންގޮސްފައެވެ. އަދި ރަށްރަށަށްވެސް އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ފާއިޒު ވިދާޅުވީ ވިއްސާރައަށް އެމްއެންޑީއެފުން ދުރާލާ ތައްޔާރުވިކަމަށެވެ. އެގޮތުން ޕަމްޕުތައް އެކްޓިވޭޓްކުރި ނަމަވެސް ކޮޅިގަނޑުގަދަވުމުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެން ހިންދުމުގެ މަސައްކަތްތަށް ދަތިވިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފާއިޒު އިތުރަށް ވިދާޅުވީ ކާނުގަނޑުތެރޭގައި ކުނި ހަރުލާފައި ހުރުމުން ޕަމްޕުތައް ބްލޮކްވެގެން މެދުކަނޑާލަން ޖެހުނު ކަމަށެވެ. ނަމަވެސް ބްލޮކްވުން ހައްލުކޮށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަލުން މަސައްކަތް ފެށިކަމަށް އޭނާ ވިދާޅުވިއެވެ.
މި ވިއްސާރައިގައި އެމްއެންޑީއެފުން ކުރި މަސައްކަތްތަކަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ފެން ހިންދުމުގެ އިތުރުން، ވެލިބަސްތާ ޖެހުމާއި، ގެތަކުގައި ބޮޑުވެފައިވާ ފެން ހިންދުމެވެ. މީގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށަށްވެސް އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.