ދުނިޔެ
ޙާލަތު ނާޒުކުވެފައިވާތީ އައިސްލެންޑުން އަންރުވާއަށް އެހީދިނުން އަވަސްކޮށްފި

އައިސްލެންޑުގެ ޚާރިޖީ ވަޒީރު ތޯގެރްދުރު ކަތްރިން ގުންނަރްސްދޯތިރު ފޮޓޯ: އިންޓަނެޓް
ގާޒާގެ އިންސާނީ ޙާލަތު ނާޒުކުވެފައިވާތީ، އެ ޤައުމުން އދ. ގެ ފަލަސްޠީނު ރެފިއުޖީންގެ އޭޖެންސީ (އަންރުވާ) އަށް ދޭން ހަމަޖެހިފައިވާ އެހީ ކުރިން ޝެޑިއުލްކުރެވިފައިވާ ވަގުތަށްވުރެ ކުރިން ދޫކުރާނެ ކަމަށް އައިސްލެންޑުގެ ޚާރިޖީ ވަޒީރު ތޯގެރްދުރު ކަތްރިން ގުންނަރްސްދޯތިރު ވިދާޅުވެއްޖެއެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ގުންނަރްސްދޯތިރު ވިދާޅުވީ، އަންރުވާގެ ވެރިޔާ ފިލިޕް ލަޒަރީނީ އާއި އެ އޭޖެންސީގެ މުވައްޒަފުން ގޮންޖެހުންތަކެއް ހުރި ޙާލަތެއްގައި ކުރަމުންދާ މަސައްކަތްތަކުގެ އަގު އައިސްލެންޑުން ވަޒަންކުރާ ކަމަށެވެ. އިތުރު ޕޯސްޓެއްގައި އޭނާ ގާޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވައި، "އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރަށް ފަސޭހަކުރަންޖެހޭ" ކަމަށް ވިދާޅުވިއެވެ.
މި ނިންމުން އައިސްފައިވަނީ، އިސްރާއީލުން އަންރުވާގެ ޙަރަކާތްތައް އެ ޤައުމުގައި މަނާކުރުމަށް ފާސްކޮށްފައިވާ، ފާޑުކިޔުންތަކާ ކުރިމަތިވެފައިވާ ޤާނޫނެއް މި މަހުގެ ފަހުކޮޅު ތަންފީޒުކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
އިސްރާއީލުން ތުހުމަތުކުރަނީ އަންރުވާގެ މުވައްޒަފުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން ހިންގި ހަމަލާގައި ބައިވެރިވި ކަމަށެވެ. މި ތުހުމަތާ ގުޅިގެން ހިއުމަން ރައިޓްސް ޖަމާޢަތްތަކުން ފާޑުކިޔާ މިންވަރާ ނުބައްދަލު ފިޔަވަޅެއް ކަމަށް ބުނެ، 16 ހުޅަނގުގެ ޤައުމަކުން ން އަންރުވާއަށް ދެމުން އައި އެހީ ހުއްޓާލާފައިވެއެވެ. ނަމަވެސް، އެމެރިކާ ފިޔަވައި އެހެން ހުރިހާ ޤައުމަކުން މިހާރު ވަނީ އެހީ ދިނުން އަލުން ފަށާފައެވެ.
އދ. އިން ވަގުތުން ތަޙުޤީޤެއް ފެށި އިރު، ފަހުން ބުނެފައިވަނީ އަންރުވާގެ 9 މުވައްޒަފަކު އެ ހަމަލާގައި ބައިވެރިވެފައި އޮތުން އެކަށީގެންވާ ކަމަށާއި، އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
Good discussion with @EspenBarthEide today about the wide-ranging common interests of 🇮🇸&🇳🇴, in EEA/EFTA, NATO, the Arctic, & the ever-closer Nordic and Baltic cooperation. We discussed our shared vision on Ukraine and the Middle East, based on intl. law, incl. humanitarian law. pic.twitter.com/FbXkdc3oOx
— Þorgerður Katrín Gunnarsdóttir (@thorgkatrin) January 6, 2025